09 Apr 2019, 15:57
މި އަހަރުގެ ފުރަތަމަ ކުއަޓާގައި ޓޫރިސްޓުން އައި އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ކުއަޓަރާ އަޅާ ބަލާއިރު 15 ޕަސެންޓް އިތުރުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައި ވާ ގޮތުން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް 482،978 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހާ އަޅާ ބަލާއިރު 15 ޕަސެންޓް ކުރިއެރުމެކެވެ.
އަދި މި އަހަރު ފާއިތުވި މަސްތަކަށް ބަލާއިރު މިދޔަ މާޗް މަހު ޓޫރިސްޓުން އައި އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުުން މާޗް މަހު 162،843 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މިދިޔަ އަހަރު މާޗް މަހާ އަޅާ ބަލާއިރު 22 ޕަސެންޓް ކުރިއެރުމެކެވެ.
ޓޫރިސްޓުން އައި ބައްރުތަކަށް ބަލާއިރު ފުރަތަމަ ކުއާޓާގައި އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޔޫރަޕްއިންނެވެ. އެގޮތުން ފުރަތަމަ ކުއަޓާގައި 269،619 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 13 ޕަސެންޓް ކުރިއެރުމެކެވެ.
އެއް ގައުމަކުން އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމަކަށް ބަލާއިރު އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން އެކަނިވެސް 76،568 ޓޫރިސްޓުން އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާ ބަލާއިރު 5.6 ޕަަސެންޓް ކުރި އެރުމެކެވެ.