09 Apr 2019, 15:46
ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން ހުށަހެޅުނު ޝަކުވާތަކަކާ ގުޅިގެން ހަ ވޯޓު ފޮއްޓެއްގެ "ސެކިއުރިޓީ އުރަ ތިނެއް" ކަނޑަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އެ ކޮމިޝަނުން މިއަދު ބުނީ މަޖިލިސް އިންތިހާބާ ގުޅިގެން ގަައުމީ ކޮމްޕްލެއިންސް ބިޔުރޯ އަށް ހުށަހެޅުނު ޝަކުވާތަކަކާ ގުޅިގެން ހަ ވޯޓުފޮއްޓެއްގެ ސެކިޔުރިޓީ އުރަ ތިނެއް ކަނޑަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެއީ ކޮން ފޮށިތަކެއް ކަމެއް އިލެކްޝަނުން ހާމައެއް ނުކުރެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވައިދު ބުނާގޮތުން ސެކިޔުރިޓީ އުރަތައް ކެނޑޭނީ ހަތަރު ހާލަތެއް މެދުވެރިވެއްޖެނަމައެވެ. އެއީ:
1. ވޯޓުލާ މަރުކަޒަކުން ފޮނުވާފައިވާ އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ ބެލުމުގައި އެއްވެސް މައްސަލައެއް ހުރިކަމަށް އިލެކްޝަންސް ކޮމިޝަނަށް ފާހަގަވުން.
2. އެއްވެސް ފަރާތަކުން ވޯޓުލާ މަރުކަޒެއްގެ ނަތީޖާ އާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާއަކާ ގުޅިގެން އެކަމަކީ ތަހުޤީޤުކުރަން ޖެހޭވަރުގެ ހެކިހުރި ޝަކުވާއެއް ަމުގައި އިލެކްޝަންސް ކޮމިޝަނަށް ފެނިއްޖެނަމަ، އެ ތަހުޤީޤެއްގެ ބޭނުމަށް.
3. ވޯޓު ކަރުދާސް ބަންދުކޮށްފައިވާ ޚާއްސަ ސެކިޔުރިޓީ އުރަ ކެނޑުމަށް ޝަރުއީ ކޯޓަކުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރުން.
4. އިލެކްޝަންސް ކޮމިޝަނަށް ފެންނަ މިނޫންވެސް އެހެނިހެން ހާލަތެއް މެދުވެރިވުން
އިލެކްޝަންސްއިން ވަނީ ހުށަހެޅުނު ޝަކުވާތަކަކާ ގުޅިގެން މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮއްޓެއްގެ ބާތިލު ވޯޓުތައް ގުނަންވެސް ނިންމައިފައެވެ. މީގެ އިތުރުން މާވަށު ދާއިރާގެ ވޯޓުފޮށިތައްވެސް މިއަދު ގުނާނެކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސްއިން ވަނީ ކެންދޫގައި ބެހެއްޓި ވޯޓު ފޮއްޓެއްގެ މައްސަލަވެސް ތަހުގީގުކުރަން ނިންމައިފައެވެ.