18 Oct 2011, 12:53
ރާއްޖޭގައި ބާއްވާ 17 ވަނަ ސާކްސަމިޓާ ގުޅުވައިގެން ފުވައްމުލަކުގައި އަންނަ މަހު ފަށާ "ޓްވެންޓީ- ޓްވެންޓީ" ކުރިކެޓް މުބާރާތުގައި ބައިވެރިވާނެ ކަމަށް ސާކްގެ އަށް ޤައުމުން ބުނެފި އެވެ.
ސާކް ޤައުމުތަކުގެ 25 އަހަރުން ދަށުގެ ޓީމްތައް ވާދަކުރާ މުބާރާތާބެހޭ ގޮތުން ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ފައިސަލް މިއަދު ވިދާޅުވީ، ރައްޖޭގެ އިތުރުން ސާކްގެ އެހެން ހުރިހާ ގައުމަކުން ވެސް ބައިވެރިވާނެ ކަމުގެ ޔަގީންކަން މިހާރު ދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ ހަތް ގައުމުގެ ކްރިކެޓް ޓީމްތައް މިމަހުގެ ފަހު ކޮޅު މާލެ އައުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
"މުބާރާތުގައި ވާދަކުރާ ޓީމް ތައް މިމަހުގެ 28 އަދި 29 ވަނަ ދުވަހު މާލެ އަންނާނެ. މިހާރު ސާކްގެ ހުރިހާ ޤައުމަކުން ބައިވެރިވޭ. މުބާރާތުގައި ވާދަކުރާ ޕާކިސްތާންގެ ޓީމް ލިސްޓު ވެސް މިހާރު ވަނީ ލިބިފަ. އެހެން ޤައުމުތަކުގެ ޓީމް ލިސްޓު ދެ ދުވަހެއްގެ ތެރޭ ލިބޭނެ،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޓީމް ލިސްޓުތައް ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ލިބުމުން މެޗްތައް ކުޅޭނެ ގޮތާއި ގްރޫޕްތައް ބެހިގެންދާނެ ގޮތް އެނގޭނެ ކަމަށާއި މުބާރާތް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ އަށް ޓީމް ދެ ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ.
ފައިސަލް ވިދާޅުވީ، ކޮންމެ ޓީމެއްގައި ވެސް ކުޅުންތެރިންނާ، އޮފިސަލުންނާއެކު ޖުމްލަ 17 މީހުން ހިމެނޭ ކަމަށާއި ޓީމްތަކުގެ ހުރުމާ ކެއުމުގެ ކަންތައްތައް ހަމަޖެހިފައި ވަނީ ހެރެތެރެ ރިސޯޓުގައި ކަމަށެވެ.
ކްރިކެޓް ބޯޑާއި ފޮރިން މިނިސްޓްރީއާ ކުޅިވަރާ ބެހޭ މިނިސްޓްރީ ގުޅިގެން ބާއްވާ މުބާރާތް ކުރިއަށް ގެންދަނީ އަންނަ މަހުގެ އެކަކުން ނުވައަކަށެވެ. މިމުބާރާތަށް ފުވަމުލަކުގައި ހަދާ ކްރިކެޓް ދަނޑަށް ސަރުކާރުން 2.8 މިލިޔަން ރުފިޔާ ހަރަދުކުރެ އެވެ.