ބ. ކެންދޫގައި ބެހެއްޓި އެ ދާއިރާގެ ވޯޓު ފޮއްޓެއްގެ މައްސަލަ ތަހުގީގު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ކެންދޫ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ މިހާރުގެވެސް މެމްބަރު ޖުމްހޫރީ ޕާޓީގެ އަލީ ހުސެއިނެވެ. އަލީ ހުސެއިނަށް 988 ވޯޓު ލިބިވަޑައިގެންފައިވާއިރު އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ލަތީފަށް ލިބިވަޑައިގަތީ 829 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް "ސަން"އަށް ވިދާޅުވީ، ކެންދޫގައި ބެހެއްޓި ފޮއްޓެއް ތަހުގީގު ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި ކޮމްޕްލެއިންޓްސް ބިއުރޯގެ ޓީމެއް ކެންދޫއަށް ފޮނުވަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ތަހުގީގަށް ފަހު އެ ފޮއްޓާ މެދު ގޮތެއް ނިންމާނެ އެވެ.

ކެންދޫގެ ފޮއްޓާ މެދު މައްސަލަ ހުށަހެޅީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ލަތީފެެވެ. އޭނާ އެ މައްސަލަ ހުށަހަޅާފައި ވަނީ ކިއު ނަމްބަރަށް ވުރެ އިތުރަށް ފޮއްޓަށް ވޯޓުލާފައިވާ ކަމަށް އެ މައްސަލައިގައިވެ އެވެ. އަދި ވޯޓާސް ލިސްޓާއި އިނގިލީގައި ފާހަގަ ޖަހައި މާކު ކުރާ ލިސްޓާއި ކިއު ނަމްބަރު ދޫކުރި ލިސްޓާ ދިމާ ނުވާ ކަމަށާއި ވޯޓުލާ ގަޑި ހަމަވި ފަހުން ވެސް އެ ފޮއްޓަށް އޮފިޝަލަކު ވޯޓުލި ކަމަށް އެ މައްސަލައިގައިވެ އެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮއްޓެއްގެ ބާތިލު ވޯޓު އަލުން ގުނާށެވެ. އަދި އޭގެ އިތުރުން، މާވަށު ދާއިރާއާ ގުޅިގެން ހުށަހެޅި ޝަކުވާއާ ގުޅިގެން މިއަދު އެ ދާއިރާގެ ތިން ފޮއްޓެއް އަލުން މިއަދު ގުނަން ވަނީ ނިންމައިފަ އެވެ.

އަކުރަމް މިއަދި ވިދާޅުވީ، ދެން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލަތަކަކީ ވޯޓުގެ ނަތީޖާއަށް ބަދަލު އަންނާނެ ފަދަ މައްސަލަތައް ކަމަށް ގަބޫލު ނުކުރެވޭތީ އެ މައްސަލަތައް އިތުރަށް ނުބަލަން ނިންމާފައިވާ ކަމަށެވެ.