09 Apr 2019, 14:02
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މުވައްޒަފުންނަށް ވިހެއުމުން ދޭ ޗުއްޓީ އިތުރުކުރަން ނިންމައިފިއެވެ.
އޭސީސީ އިން ބުނީ އެ ކޮމިޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވިހެއުމުންދޭ ޗުއްޓީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މުވައްޒަފަކު ވިހާނެ ކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް މިނިސްޓްރީ އޮފް ހެލްތުގައި ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ، މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތަކުން އެކަން ބަޔާންކޮށް ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ނުވަތަ އެކަން ބަޔާންކުރާ ލިޔުމެއް ހުށަހެޅުމުން އެމުވައްޒަފަކަށް، އެސެޓްފިކެޓުގައި ބުނާ ތާރީހުން ފެށިގެން ނުވަތަ އެމުވައްޒަފަކު ވިހާ ތާރީހުން ފެށިގެން ހަމަސްދުވަސް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އޭސީސީ އިން ބުނީ އަނބިމީހާ ވިހެއުމާއި ގުޅިގެން ފިރިހެން މުވައްޒަފުންނަށް މުސާރަ ލިބޭގޮތަށް، ދަރިފުޅު އުފަންވާ ތާރީޚުން ފެށިގެން ހަތް މަސް ދުވަސްވުމާ ދެމެދު ބަންދު ދުވަސްތައް ހިމަނައިގެން އެއް މަހުގެ ޗުއްޓީ ދޭންވެސް އޭސީސީ އިން ނިންމާފައިވާ ކަމަށެވެ.
ސަރުކާރު މުވައްޒަފުންނަށް ވިހެއުމުގެ ޗުއްޓީ އިތުރުކުުކުރަން ނިންމައި އެކަން އިއުލާނު ކުރެއްވީ މިއަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކ. މާފުށީގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
މިއާއެކު ސަރުކާރުގެ ކުންފުނިތަކާއި މިނިވަން މުވައްސަސާތައް އަދި އަމިއްލަ ބައެއް ކުންފުނިތަކުންވެސް ވަނީ ވިހެއުމުގެ ޗުއްޓީ އިތުރުކުރަން ނިންމައިފައެވެ.