ކުންފުނީގެ ބިލު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމުން ފޮރިން އިންވެސްޓްމެންޓުގެ ގާނޫނު އުވާލުމުގެ ބިލު އަނބުރާ ގެންގޮސްފި އެވެ.

ސަރުކާރުން ހުށަހެޅި އެ ބިލު އަނބުރާ ގެންދަވަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރު، ފޭދޫ ދާއިރާގެ އަލްހާން ފަހުމީ ވިދާޅުވީ، ސަރުކާރުން ބިލުތައް ހުށަހަޅަމުން އައީ އިގްތިސާދީ ވަކި އެޖެންޑާއެއް އޮވެގެން ކަމަށެވެ. އެގޮތުން ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ހުށަހެޅުއްވި ކުންފުންޏާބެހޭ ބިލު މަޖިލީހުން ބޭރު ވުމުން މިވަގުތު ފޮރިން އިންވެސްޓް މެންޓުގެ ގާނޫނު އުވާލުމުގެ ބިލު ކުރިއަށް ގެންދެވެން ނެތުމުން ބިލު އަނބުރާ ގެންދަވަން ނިންމެވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށާއި އެމްޑީޕީގެ ވިސްނުން އޮތީ ވަކި ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ރާއްޖޭގެ އިގްތިސާދު ވަކި ގޮތަކަށް ފަރުމާކުރަން ކަމަށެވެ.

އެ ގާނޫނު އުވާލުމަށް ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ހުޅުމީދޫ ދާއިރާގެ އިލިޔާސް ލަބީބު ވިދާޅުވީ، މިހާރު އޮތް ފޮރިން އިންވެސްޓްމެންޓާބެހޭ ގާނޫނަކީ ފޮރިން އިންވެސްޓަރުންނަށް ހުރި ބިރެއް ކަމަށެވެ. އެ އެބިރުން ސަލާމަތްކޮށް ގާނޫނީ ހިމާޔަތް ދިނުމަށް އެ ގާނޫނު އުވާލަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި 30 އަހަރަށް އެ ގާނޫނު ހިންގައި ގާނޫނަށް އިސްލާހްތަކެއް ގެނެސްފައިނުވާތީ އެއީ އޮންނަންޖެހޭ ގާނޫނެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އެބިލަށް ވާހަކަ ދައްކަވަން ތެދުވެ ވަޑައިގަތުމަށްފަހު ޕާޓީގެ އެންގެވުމަށް ފުރުސަތު ދޫކޮށްލައްވަނީކަމަށް ވިދާޅުވެ ދިއްދޫ ދާއިރާގެ އަހްމަދު ސަމީރު ވިދާޅުވީ އެ ގާނޫނަކީ ޓެކްހާ ހިލާފު ގާނޫނެއް ކަމަށެވެ.

ފޮރިން އިންވެސްޓް މެންޓުގެ ގާނޫނު އުވާލުމަށް ތާއީދު ނުކުރައްވާކަން ހާމަ ކުރައްވައި ވާހަކަފުޅު ދެއްކެވި އިދިކޮޅު މެންބަރުންގެ ތެރެއިން މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވިދާޅުވީ، އެ ގާނޫނަށް އިސްލާހު ގެނައުމަކީ އެދެވޭކަމެއް ނަމަވެސް އެ ގާނޫނު އުވާލުކަމީ އެދެވޭކަމެއް ނޫން ކަމަށެވެ. އަދި ފޮރިން އިންވެސްޓަރުންނަށް ހިމާޔަތް ލިބިގެންނޫނީ އިންވެސްޓަރުން ރާއްޖެ ނާންނާނެ ކަމަށެވެ.
"އެމްޑީޕީގެ މެންބަރުން ވިދާޅުވީ އެ ގާނޫނުގައި ހިމެނޭ މުހިއްމު ބައިތައް ނަގައި ކުންފުނީގެ ގާނޫނަށް ލާފައިވާކަމަށް. އެހެންކަމުން އެބަ އެނގޭ ކޮންމެހެން ބޭނުން ކަންކަން އެ ގާނޫނުގައި އެބަހުރިކަން. މި ގާނޫނު އުވާލައިފިނަމަ ފޮރިން އިންވެސްޓް ރެގިއުލޭޓް ކުރާ އެއްވެސް ގާނޫނެއް ނޯންނާނެ. މިހާރުވެސް ޓޫރުޒަމް ދާއިރާގައި އެހެރަ ބޮޑެތި އިންވެސްޓްމެންޓްތައް އެއީ ފޮރިން އިންވެސްޓްމެންޓްތަކެއް. އެގާނޫނަށް ގެރެންޓީ އޮތީމަ އެމީހުން އިންވެސްޓްކޮށްގެން އެތިބީ. އެހެންނޫނަމަ ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތައް އިންވެސްޓެއް ނުކުރާނެ،" ޔާމީން ވިދާޅުވި އެވެ.