09 Apr 2019, 13:17
މިއަހަރު ފެށުނު ފަހުން 10 ރިސޯޓާއި 40 ގެސްޓްހައުސްއަށް ހުއްދަ ދީފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައިފަހުން 10 ރިސޯޓަށް ލައިސަންސް ދޫކޮށްފައިވާ ކަމަށެވެ.
" އެއާއެކު ޖުމްލަ 141 ރިސޯޓް މިހާރު ދިވެހިރާއްޖޭގައި އެބަހުރި. އަޅުގަނޑުމެންގެ އާ ސަރުކާރު އައިފަހުން އެޑް ކުރެވުނީ 1410 ބެޑް ރިސޯޓްތަކަށް. އެއާއެކު ޖުމްލަ 31072 ރިސޯޓް ބެޑް އެބަހުރި. ގެސްޓް ހައުސްތަކަށް ބަލާއިރުވެސް އާ ސަރުކާރު އައިފަހުން 40 އާ ގެސްޓް ހައުސްއަށް މިވަނީ ލައިސަންސް ދޫކުރެވިފައި. އެއާއެކު 545 ގެސްޓު ހައުސް މިހާރު ދިވެހި ރާއްޖޭގައި އެބަހުރި އެއީ އާސަރުކާރާއެކު 646 ބެޑް އިތުރުކުރެވިގެން މިދިޔައީ. ޖުމްލަ 9944 ބެޑް ގެސްޓު ހައުސްގެ ގޮތުގައި އެބަހުރި." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު އިތުރު 12 ޑައިވް ސެންޓަރު ގާއިމްކޮށް މިހާރު 221 ޑައިވް ސެންޓަރު މިހާރު ގާއިމްކޮށްފައިވާ ކަމަށެވެ. އަދި 22 ޓްރެވަލް އެޖެންސީ ރަޖިސްޓްރީކޮށް މިހާރު 335 ޓްރެވަލް އެޖެންސީ ރާއްޖޭގައި މިހާރު އެބަހުރިކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޓޫރިޒަމްގެ ސިނާއަތަށް ހަމަޖެހުން އައިސްފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މި ފަސް އަހަރަކަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގައުމު އަމާންކޮށް އޮމާންކޮށް ގެންދަން ޖެހޭ ކަމަށެވެ.