އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިލެކްޓްރޯނިކް ސާމާނު ވިއްކާ އީހަބް ފިހާރައިގެ ބިއްލޫރިގަނޑު، މޫނު ނިވާކޮށްގެން ތިބި ބަޔަކު، ތަޅާލައި ފޯނުތަކެއް ވަގަށް ނެގި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އީހަބް ފިހާރު ފަޅާލި ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ރޭ ފަތިހު 4:02ގައި ކަމަށެވެ.

އެ ހާދިސާގައި ފިހާރަ ފަޅާލީ ސައިކަލުތަކެއްގައި އައި މޫނު ނިވާކޮށްގެން ތިބި ހަތަރު މީހުން ކަމަށް އޮފިޝަލު ވިދާޅުވި އެވެ. އަދި އެ މީހުން ފިހާރައިގެ ޝޯކޭސްގައި ހުރި ފޮނުތަކަކާއި ކައުންޓަރުގެ ވަތްގަނޑުގައި އޮތް ފޯނެއް ވަގަށް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހަތަރު ގެއެއް ބަލައި ފާސްކޮށް ހަތަރު މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

އެ މީހުންގެ ބަންދާ މެދު އަދި ގޮތެއް ނިންމި ކަމެއް އޮފިޝަލު ވިދާޅެއް ނުވެ އެވެ.