ރައްޔިތުންގެ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން އަންހެނުންނަށް އެންމެ ހަތަރު ގޮނޑި ލިބުމަކީ ހިތާމައެއް ކަމަށް ޖެންޑާ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ޗަމްޕާ ސެންޓްރަލް ހޮޓަލްގައި މިއަދު ކުރިއަށް ގެންދިޔަ "ވޯކްޝޮޕް އޮން އެޑްރެސިން ޖެންޑާ ސްޓެޓިސްޓިކްސް ގެޕްސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި ތާރީހުގައި މުހިންމު އިންތިހާބެއް ބޭއްވިގެން ދިޔަ އިރު، އެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން އަންހެނުންނަށް އެންމެ ހަތަރު ގޮނޑި ލިބިގެން ދިޔުމަކީ ހިތާމައެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އަންހެން މެންބަރުންގެ އަދަދު މަދުވެފައިވާ އިރު، މަޖިލީހުގެ ދައުރުތަކުގެ ތެރޭގައި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ގާނޫނު ހެދުމާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ވަކާލާތުކުރުން ހިމެނޭ އިރު، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގައުމީ ސިޔާސަތުތައް ކަނޑައެޅިގެން ދާނީ އަންހެނުންގެ އެކަށީގެންވާ މިންވަރެއްގެ ބައިވެރިވުން ނެތި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ގޮންޖެހުންތަކާ އެކު ވެސް މިންތީގެ ހަމަހަމަ ކަން ގާއިމުކުރުމާއި އަންހެނުން ބާރުވެރިކުރުވުމާއި ހައިހޫނުކަން ނައްތައިލުމުގައި އަންހެނުންގެ ދައުރު އިތުރުކުރުމާއި އަންހެނުން ވިޔަފާރި އާއި ސިޔާސީ މައިދާނުގައި ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދަމަހައްޓާނެ ކަމަށް މިނިސްޓަރު ޝިދާތާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖެންޑާ ސްޓެޓިސްޓިކްސް މެދުވެރިކޮށް، ޓްރެންޑްސްތައް ދެނެގަނެ، މިންތީގެ ނަޒަރިއްޔާތުން ސިޔާސަތުތައް ކަނޑައެޅުމަށް އެހީތެރިވެދީ، މުޖުތަމަޢުގައި އަންހެނުންނާއި ފިރިހެނުންގެ ބަދަލުވަމުން ދާ ހާލަތު އެނގިގެން ދާ ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ސިޔާސަތުތަކާއި ގާނޫނުތައް އެކުލަވައިލުމުގައި ތަފާސްހިސާބުގެ ބޭނުން އެންމެ ފުރިހަމައަށް ހިފިގެން ނުދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިއީ ބައެއް ދާއިރާތަކުން އެންމެ އެކަށީގެން ވާ މިންވަރަށް މުޖުތަމައު ކުރިއަރައި ނުދިޔުމުގެ ސަބަބެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގޮތުގައި މިންތީގެ ތަފާސްހިސާބު ވިލަރެސްކުރާ ފަރާތްތަކާއި އޭގެ ބޭނުން ހިފާ ފަރާތްތަކުގެ ދެމެދުގައި ބަދަހި ގުޅުމެއް އުފައްދަން ޖެހޭ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ދައުރު ކަނޑައެޅި ބަޔާންކުރެވިގެން މެނުވީ މިންތީގެ ތަފާތުކުރުންތައް ނައްތައިނުލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.