09 Apr 2019, 12:25
އާދިއްތަ ދުވަހުގެރޭ އަލިފާން ރޯވި އއ. މަތިވެރީ، ކްލަބް މޯލްޑިވްސް (ކަސާ މިއާ މޯލްޑިވްސް) ގެސްޓް ހައުސް އިން ތިން ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ މި މަހުގެ ހަތް ވަނަ ދުވަހުގެރޭ 21:45 އެހާކަންހާއިރު މަތިވެރީ ކާސާ މިއާ ގެސްޓް ހައުސްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ސީން އަށް ގޮސް، އެތަން ހުސްކުރަން އުޅުމުގެ ތެރޭގައި ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ގެސްޓްހައުސްގެ ކޮޓަރިއެއް ބަލާ ފާސްކޮށްް ކޮޓަރީގެ ތެރެއިން ތިން ފުޅި ބަނގުރާ އަތުލައިގަނެފައިވާ ކަމަށެވެ.
އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށާއި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އަލިފާން ރޯވުމުގެ ސަބަބުން ގެސްޓްހައުސްގެ ބޮޑުބަޔެއް ވަނީ އަނދައިފަ އެވެ. އަލިފާންގަނޑު ނިއްވާލީ މަތިވެރީގައި ތިބި ސިވިލް ފަޔާ ޓީމާއި އެ ރަށުގެ ރައްޔިތުންގެ މަސައްކަތުންނެވެ.
އެ ގެސްޓްހައުސް އަކީ ކާށިދޫ ދާއިރާގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރައްވާފައިވާ އަބްދުﷲ ޖާބިރު ހިންގާ ގެސްޓް ހައުސް އެކެވެ.