18 Oct 2011, 12:11
ހޮންކޮންގް ގެ ޕްލާޒާ ޕްރީމިއަމް ލައުންޖް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑާއި ޖީއެމްއާރު ގުޅިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ގައި އަލަށް ހެދި ވީއައިޕީ ލައުންޖް "ކޮއިމަލާ" އިއްޔެ ހުޅުވައިފިއެވެ.
އެ ލައުންޖް ހުޅުވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ އާއި ޖީއެމްއާރުގެ ޗީފް އެގްޒެކްޓިވް އޮފިސާ އެންޑްރޫ ހެރިސަން އެވެ.
ކޮއިމަލާ އެގްޒެކެޓިވް ލައުންޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖީއެމްއާރުގެ ޗީފް އެގްޒެކްޓިވް އޮފިސާ އެންޑްރޫ ހެރިސަން ވިދާޅުވީ ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ފުރަތަމަ އަދި އެންމެ ފަހުގެ މަންޒިލަކަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްވާތީ އެ އެއާޕޯޓަކީ ފަތުރުވެރިންގެ މަގުބޫލުކަން ލިބަފައިވާ ތަނަކަށް ހަދަންޖެހޭ ކަމަށެވެ. އެގޮތުން އިއްޔެ ހުޅުވުނު ކޮއިމަލާ ލައުންޖް ގެ ސަބަބުން އެ އެއާޕޯޓަށް ފަތުރުވެރިންގެ ދޭ ސަމާލުކަން އިތުރު ވެގެންދާނެ ކަމަށެވެ.
"މި އެއާޕޯޓަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އެންމެ ފުރަތަމަ އަދި ފަހުގެ މަންޒިލް. އެހެންވީމަ އަހަރުމެންޖެހޭ މިތަނަކީ ފަތުރުވެރިންގެ މަގުބޫލުކަން ލިބިފައިވާ ތަނަކަށް ހަދަން. ހޮންކޮންގް ގެ ޕްލާޒާ ޕްރީމިއަމް ލައުންޖުން އިންވެސްޓް ކޮށްގެން ހެދި މި ލައުންޖް ގެ ސަބަބުން އަޅުގަނޑުމެންނަށް އެ މަގުސަދު ހާސިލު ވެގެންދާނެ،" އެންޑްރޫ ވިދާޅުވިއެވެ.
އެއާޕޯޓްގައި ކުރިންވެސް ވީއައިޕީ ލައުންޖް ހުރި ތަނުގައި ބޮޑު ބަދަލުތަކެއް ގެނެސްގެން ހަދާފައިވާ ކޮއިމަލާ ލައުންޖްގައި އައުޓްޑޯ ދެ ބަޔަކާއި އިންޑޯ ދެ ބައެއް ހިމެނެ އެވެ. އަދި މި ލައުންޖުގެ ހިދުމަތް ހޯދާ ވީއައިޕީ ފަސިންޖަރުން ލައުންޖުގައި ތިބޭއިރު ރަންވޭ އަށް ޖައްސާ ބޯޓުފަހަރު ފެނެއެވެ.
ޓޫރިޒަމް މިނިސްޓަރު ޒުލްފާ ވިދާޅުވީ އާ ލައުންޖް ހުޅުވަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމެއްކަމަށެވެ. މި ދިޔަ މަހުގެ ވެސް އެއާޕޯޓްގައި ހޮންކޮންގެ ޕްލާޒާޕްރިމިއަމް ލޯންޖާއި ގުޅިގެން ދެ ލައުންޖެއް ވަނީ ހުޅުވާފައެވެ. އެއީ ބިޒްނަސް ކްލާސް ތަކަށް ހާއްސަ ދެ ލައުންޖެކެވެ.