09 Apr 2019, 12:14
ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމާތުގެ ކޮމިޓީން ފާސްކޮށް، މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީގެ 251 ވަނަ މާއްދާ އަށް (ހ)އަށް އިސްލާހު ގެނައީ ނިމިގެން ދިޔަ ރިޔާސީ ދައުރުގެ ތެރޭގަ އެވެ. އެ އިސްލާހު އުވާލަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.
ގައުމީ ސަލާމަތުގެ ކޮމިޓީގައި ހިމެނޭ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން "ސަން"އަށް ވިދާޅުވީ، ގާނޫނު އަސާސީގެ 251 ވަނަ މާއްދާގެ (ހ)އަށް ގެނައި އިސްލާހު ބާތިލު ކުރުމަށް މީގެ 10 ވަރަކަށް ދުވަސް ކުރިން ގައުމީ ސަލާމަތުގެ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު އިއްވުމަށް އަންނަ ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ކުރިން ގާނޫނު އަސާސީގެ 251 ވަނަ މާއްދާ އޮތް ގޮތުން ބޭރުގެ އެއްވެސް މީހަކަށް ރާއްޖެ އިން ބިން މިލްކެއް ނުކުރެވޭނެ އެވެ. އެހެން ނަމަވެސް، ފަހުން އިސްލާހު ކުރީ ގާނޫނު އަސާސީއަށް ބާބެއް އިތުރުކޮށް 99 އަހަރަށް ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ ގޮތަށެވެ. ގާނޫނު އަސާސީގެ 251 ވަނަ މާއްދާ ކުރީގެ އޮތް ގޮތަށް އިސްލާހުކޮށްފި ނަމަ، އަލަށް އިތުރު ކުރި ބާބު އުވިގެންދާނެ އެވެ.
ބޮޗޭގެ އިސްލާހު ކޮމިޓީން ފާސްކޮށްފައިވާ އިރު، ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއިން ވަނީ 65 ގޮނޑި ކާމިޔާބުކޮށް ސުޕާ މެޖޯރިޓީ ހޯދައިފަ އެވެ. އެ އިސްލާހާ މެދު ވޯޓަށް އަހާނީ ދެން އަންނަ މަޖިލީހުގައި ކަމަށް ބެލެވެ އެވެ.
ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ އިސްލާހު ބާތިލުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ ކެމްޕެއިންގައި ވެސް ވިދާޅުވެފަ އެވެ.