09 Apr 2019, 09:49
ދިއްލީ (އޭޕްރިލް 9): އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އިތުރު ދައުރަކަށް އިންތިހާބުކޮށްފި ނަމަ އެގައުމު ތަރައްގީވަމުން އަންނަ ގައުމަކުން، ތަރައްގީވެފައިވާ ގައުމަކަށް ބަދަލު ކުރާނެ ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
މޯދީ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ފަށާ އާއްމު އިންތިހާބާ ދިމާކޮށް އިއްޔެ ބީޖޭޕީގެ މެނިފެސްޓޯ ނެރެދެއްވަމުންނެވެ.
"އެކާވީސް ވަނަ ގަރުނަކީ އޭޝިއާއަށް ނިސްބަތްވާ ގަރުނެކޭ ބުނެ އުޅޭ، ވީމާ އަޅުގަނޑުގެ ސުވާލަކީ ކީއްވެހޭ އިންޑިއާއަށް އެކަމުގައި އިސްކޮށް ނޯވެވެންވީ... އަޅުގަނޑުމެންގެ މެނިފެސްޓޯގައިވާ ގޮތުން، 2047ގައި އިންޑިއާގެ މިނިވަންކަމަށް 100 އަހަރު ފުރޭ އިރު މިގައުމު އޮންނަން ޖެހޭނީ ތަރައްގީވަމުން އަންނަ ގައުމުގެ ލޭބަލް ދޫކޮށްލުމަށް ފަހު ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި،" މޯދީ ވިދާޅުވި އެވެ.
މޯދީ ވިދާޅުވި ގޮތުގައި ބީޖޭޕީގެ ސަރުކާރުން ފާއިތުވި ފަސް އަހަރު ހޭދަކޮށްފައި ވަނީ ރައްޔިތުންގެ އެންމެ އާދައިގެ ބޭނުންތައް ފުއްދައި ދިނުމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ހޭދަ ކުރާނީ ފަގީރުންނާއި ދަނޑުވެރިންގެ ހާލަތު ރަނގަޅު ކުރުމަށެވެ.
ބީޖޭޕީގެ މެނިފެސްޓޯގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ދަނޑުވެރިންނާއި ހިންދޫންނަށެވެ. އެގޮތުން ދަނޑުވެރިންނަށް ހާއްސަކޮށްފައިވާ އިންކަމް ސުކީމް ފުޅާކޮށް، ދަނޑުވެރިންނަށް ޕެންޝަން ދޭން ވަނީ ވައުދުވެފަ އެެވެ. އިންޑިއާގެ އާބާދީގެ 67 ޕަސެންޓު މީހުން ވަޒީފާ އަދާ ކުރަނީ ދަނޑުވެރިކަމުގެ ދާއިރާގަ އެވެ.
އަދި އަވަށްޓެރި ގައުމުތަކުގެ ހިންދޫންނަށް އިންޑިއާގެ ރަށްވެހިކަން ދިނުން ހުއްދަ ކުރާ ސިޓިޒެންޝިޕް ބިލު ފާސްކޮށް، ބާބްރީ މިސްކިތް ހުރި ތަނުގައި ފައްޅިއެއް އަޅާނެ ކަމަށް ވެސް ބީޖޭޕީގެ މެނިފެސްޓޯގައިވެ އެވެ.
އިންޑިއާގެ އާއްމު އިންތިހާބު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ 19އާ ހަމައަށް ކުރިއަށްދާނެ އެވެ. އަދި ވޯޓުގެ ނަތީޖާ އިއުލާން ކުރާނީ އަންނަ މަހުގެ 23ގަ އެވެ.