ވެރިކަން ކުރާ މައި ޕާާޓީ އެމްޑީޕީ ޕާލިމަންޓަރީ ގްރުޕުގެ ލީޑަރު ކަމަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝިދު ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ރައީސް ނަޝީދު ވަނީ މައްޗަންގޯޅި މެދު ދާއިރާއަށް އިންތިހާބުވެވަޑައިގެންފަ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޓީވީއެމް އަށް މިރޭ ދެއްވ އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، އެމްޑީޕީ ޕީޖީ ލީޑަރުކަން ކަނޑައަޅާނީ ޕީޖީ ގުރޫޕުން ކަމަށާއި ޕީޖީ ލީޑަރު ކަމަށް އެމަނިކުފާނު ޝައުގުވެރިވެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުގެ ޝައުގުވެރިކަން އެބަހުރި އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕު ލީޑް ކުރަން. އަޅުގަނޑުގެ ދެކޭ ގޮތުގައި އަޅުގަނޑުމެންނަށް 60، 70 ބޭފުޅުންނާއެކީގައި ހުރިހާ އެންމެން ރަހުމަތްތެރިކަމާ އެކު މަޝްވަރާކުރަމުން ކުރިއަށް ގެންދެވޭނެ. އަޅުގަނޑު ނުދެކެން އެއީ އުދަގޫކަމަކަށް ވެދާނެ ކަމަަކަށް،" ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރަކަށް އަންނާނީ ކާކުތޯ އަދި އެހާ ބޮޑު ޕާލިމަންޓަރީ ގުރޫޕެއް ހިންގަވާނީ ކިހިނެއްތޯ ސުވާލުކުރުމުން ރައީސް ނަޝިދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޕާލިމަންޓަރީ ގުރޫޕުގެ ވަކި ވަކި މެމްބަރުންގެ ހިޔާލާއި ފިކުރު ބަަލައިގަންނާނެ ކަމަށާއި އެއްވެސް މެމްބަރެއް ބާކީ ނުކުރައްވާނެކަމަށެވެ. އަދި ހުރިހާ މެމްބަރުންވެސް އެދިވަޑައިގަންނަވާނީ އެ މެމްބަރެއްގެ ދާއިރާއާއި ރަށަށް ރަނގަޅު ގޮތްވުން ކަމަށާއި ކަން އޮންނަ އުސޫލާއި ހަމަތަކުގެ މަތިން އެކަން ކުރިއަށް ދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ނަމަވެސް [އިންތިހާބުވި އެމްޑީޕީ މެމްބަރުން] ގަބޫލުފުޅުކުރަން ވާނެ، އެއްވެސް މެމްބަރަކު އިންތިހާބުވުމަށްފަހު، ވަކިން އޭނާގެ ދާއިރާގެ ވާހަކަ އެކަނި ދެއްކުން އެއީ އޮންނަ އުސޫލެއް ނޫން. މުޅި ރާއްޖޭގެ ތަރައްގީއަށްޓަކައި ހުރިހާ މެމްބަރުންވެސް މަސައްކަތް ކުރަން ވާނީ،"

ނަޝީދު ވިދާޅުވީ، މުޅި ރާއްޖޭއަށް ތަރައްގީ ލިބުމާއެކު އެ މެމްބަރެއްގެ ދާއިރާއަށްވެސް ތަރައްގީ ލިބިގެން ދިޔުން ކަމަށެވެ.

"ނާޖާއިޒް ގޮތުގައި އަގުލަބިއްޔަތު ބޭނުން ނުކުރާނަން"

"ސަން"ގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީއަށް މިހާތަނަށް 65 ގޮނޑި ވަނީ ލިބިފައެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައިވެސް ވަކި ސިޔާސީ ޕާޓީއަކަށް މިހާ ބޮޑު އަގުލަބިއްޔަތެއް ލިބުނު ފުރަތަމަ ފަހަރެވެ.

އެހާ ބޮޑު އަގުލަބިއްޔަތެއް އެމްޑީޕީއަށް ލިބުމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އުންމީދު ކުރެއްވީ 58 ގޮނޑި އެމްޑީޕީއަށް ލިބުން ކަމަށާއި ނަމަވެސް 60 އެއްހާ ގޮނޑި އެމްޑީޕީއަށް ލިބުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ.

ނަޝީދު ވިދާޅުވިގޮތުގައި އެމްޑިޕީއަށް މަޖިލިސް އިންތިހާބުގައި ބޮޑު އަގުލަބިއްޔަތެއް ލިބުނު ކަމުގައި ވިޔަސް އެ އަގުލަބިއްޔަތު ނަހަމަ ގޮތުގައި ބޭނުން ނުކުރާނެ ކަމަށެވެ.

"އަގުލަބިއްޔަތު އަޅުގަނޑުމެންނަށް ލިބުނެއް ކަމަކު، ނާޖާއިޒް ގޮތުގައި އެ އަގުލަބިއްޔަތު ބޭނުން ނުކުރުން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ބޭނުން ނުކުރާނަން،" ނަޝިދު ވިދާޅުވިއެވެ.