ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު އަންނަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި މައްޗަންގޮޅީ މެދު ދާއިރާގެ އިންތިޚާބީ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ބަދަލު އަންނަންޖެހެނީ ކޮން ވަގުތަކުކަން ނިންމޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މުޅި ޕާޓީ އާއި ރާއްޖޭގެ ރައްޔިތުން ވެސް ވާހަކަ ދައްކައިގެން ކަމަށެވެ.

"އާދެ. އަޅުގަނޑު ދެކޭ ގޮތުގައި ވެރިކަމުގެ ނިޒާމަށް ރާއްޖޭގައި ބަދަލެއް އަންނަން ޖެހޭ. ދެން ކޮން ވަގުތެއްގައިތޯ އަންނާނީ. އެއީ ރައީސުލްޖުމްހޫރިއްޔާ އާއި މުޅި ޕާޓީ އާއި އަދި ރާއްޖޭގެ ރައްޔިތުންނާ ވެސް ވާހަކަ ދައްކައިގެން އަޅުގަނޑުމެންނަށް ނިންމޭނެ ނިންމުމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުވާ ދުވަހަކުން ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ހުރިތޯ ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ކަންކަމުން އެމަނިކުފާނު ދުރަށް ވަޑައިނުގަންނަވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކައެއް ދައްކަވާ ކަމަށްވަންޏާ އެންމެ ފުރަތަމަ އެ ވާހަކަ ދައްކަވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އުނދަގޫފުޅުވާ ގޮތަކަށް ވެރިކަމުގެ ނިޒާމް ބަދަލުކުރަން ދުވަހަކު ވެސް ނޫޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެން މިހާރު ވެރިކަމުގައި މިތިބީ. ރައީސުލްޖުމްހޫރިއްޔާ ވެސް އެއީ އެމްޑީޕީ. ރައްޔިތުންގެ މަޖިލީސް ވެސް އެއީ އެމްޑީޕީ. މިވަގުތަށްބަލާ އިރު އޭގެން އަޅުގަނޑުމެންނަށްވާ އުނދަގުލެއް ނެތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ބަރުލަމާނީ ނިޒާމް ރާއްޖޭގައި މާ ރަނގަޅަށް ހިނގާނެ ކަމަށާއި ބަރުލަމާނީ ނިޒާމެއް ގެނައުމުގެ ވިސްނުން ބަދަލުކުރަން ޖެހޭ ސަބަބެއް ނާންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަކީ އަބަދު ވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ މީހެއް. އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގައި މާ ރަނގަޅަށް ހިނގާނެ ބަރުލަމާނީ ނިޒާމް. ރައީސުލްޖުމްހޫރިއްޔާ ހުންނަވާފައި އަދި ބޮޑުވަޒީރަކު ހުންނެވުން ވަރަށް ބޭނުންވޭ. ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ސާފުވާންވާނެ. މިސާލަކަށް ފުލުހުންނާއި ސިފައިންގެ ވެރިއަކަށް ރައީސުލްޖުމްހޫރިއްޔާ ހުންނަވަން ޖެހޭނެ. އަދި އެހެންވެސް މުސްތަގިއްލު މުއައްސަސާތަކާ އެކިއެކި މަގާމްތަކަށް ބޭފުޅުން އައްޔަންކުރުމާއި މިހެންގޮސް ދައުލަތުގެ އެންމެ މަތީގައި ހުންނަވަން ޖެހޭ ބޭފުޅެއް. ހުރެފައި ދެން ސަރުކާރެއް މި ހިނގަންޖެހެނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ. ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް 2007 ވަނަ އަހަރު ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން މެޖޯރިޓީ ލިބުނީ ރިޔާސީ ނިޒާމެއް ބޭއްވުމަށެވެ.