އެން ހޯދަން ފީނި ދެ މަސްވެރިއެއްގެ ހާލު ދެރަވެގެން ފަރުވާ ދޭން ފަށައިފި އެވެ. ގދ. ތިނަދޫއާ 13 ވަރަކަށް މޭލު ދުރުގައި އޮތް ފަޅުރަށެއް ކައިރިއަށް އެން ހޯދުމަށް ފީނަނިކޮށް ހާލު ދެރަވީ ތިނަދޫ "އަސްދާނު" ދޯނީގައި އެމަށް ނުކތް ޏ. ފުވައްމުލަކު ކިނބިދޫގެ، ހުސައިން އާމިރު އާއި ތިނަދޫ، އައްސޭރި، އަހުމަދު އަބްދުﷲ އެވެ.

ތިނަދޫ ރީޖަނަލް ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެ ހުންނެވި ވަގުތީ މެނޭޖަރު އާމިނަތު އަބްދުލް ހަކީމް، މިއަދު ވިދާޅުވީ އެން ހިފަން ފީނަން އުޅެނިކޮށް ހާލު ދެރަވެގެން އާދީއްތަ ދުވަހުން ފެށިގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ ހޮސްޕިޓަލަށް ގެންދިޔަ އިރު އެ ދެމީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށެވެ. ނަމަވެސް ދެމީހުން ވެސް މިވަގުތު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.
"ދެ މީހުންގެ ތެރެއިން އެކަކު އަދިވެސް އޮތީ އޮކްސިޖަން ގުޅާފައި،" އޭނާ ވިދާޅުވި އެވެ."

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިގާފައިވަނީ ހާލު ދެރަވި ދެ މީހުންގެ ތެރެއިން ހުސައިން އާމިރުގެ ފުޅިން ވައި ހުސްވެގެން އަހިމަދު އަބްދުﷲގެ ވައިފުޅީގެ މައުތު ޕީސް އޭނާ ގާތުގައި ނުބުނެ ނައްޓައިލުމުންނެވެ. އެ ދެ މީހުން ސަލާމަތް ކޮށްފައިވަނީ އެވަގުތު އެމީހުންނާ އެކީ ޑައިވް ކުރަމުން ދިޔަ އެދޯނީގެ އެހެން މީހެއް ކަމަށް ވެސް އެނގިފައި ވެއެވެ.