ދިއްލީ (އޭޕްރިލް 8): ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅިއަށް އެގައުމުގެ ގާނޫނު އަސާސީން ދީފައި އޮންނަ ހާއްސަ ދަރަޖަ އުވާލާނެ ކަމުގެ ވައުދު ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީން މިއަދު ނެރުނު މެނިފެސްޓޯގައިވާ ގޮތުން ކަޝްމީރަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭ މާއްދާ 35އޭގެ ސަބަބުން އެސްޓޭޓާއި އިންޑިއާގެ އެހެން ސްޓޭޓުތަކާ އޮތް ގުޅުން ހީނަރުވެ އެވެ. އެ މާއްދާގައިވާ ގޮތުން ޖައްމޫ އެންޑް ކަޝްމީރުގައި ދިރިނޫޅޭ މީހުންނަށް އެސަރަހައްދުން ބިން ނުގަނެވޭނެ އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މާއްދާ 35އޭއަކީ ކަޝްމީރުގެ ކުރިއެރުމަށް އޮތް ހުރަހެއް،" ބީޖޭޕީގެ މެނިފެސްޓޯގައިވެ އެވެ.

ނަމަވެސް ކަޝްމީރުގެ ރައްޔިތުންނާއި ލީޑަރުން ވަނީ އެމާއްދާ އުވާލުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އޭގެ ސަބަބުން އެސަރަހައްދުގައި ހަމަނުޖެހުން އިތުރުވެދާނެ ކަމަށް ބުނެފަ އެވެ.

ބީޖޭޕީގެ މެނިފެސްޓޯ ނެރެދެއްވަމުން މޯދީ ވަނީ އެ ޕާޓީން އެންމެ ބޮޑު އިސްކަމެއް ދެނީ ގައުމިއްޔަތުކަމަށް ކަން ވިދާޅުވެފަ އެވެ. އެމެނިފެސްޓޯ އަމާޒުކޮށްފައި ވަނީ ގައުމުގެ ދަނޑުވެރިންނަށާއި ހިންދޫންނަށެވެ.

އެގޮތުން ދަނޑުވެރިންނަށް ހާއްސަކޮށްފައިވާ އިންކަމް ސުކީމް ފުޅާކޮށް، ދަނޑުވެރިންނަށް ޕެންޝަން ދޭން ވަނީ ވައުދުވެފަ އެެވެ. އަދި އަވަށްޓެރި ގައުމުތަކުގެ ހިންދޫންނަށް އިންޑިއާގެ ރަށްވެހިކަން ދިނުން ހުއްދަ ކުރާ ސިޓިޒެންޝިޕް ބިލު ފާސްކޮށް، ބާބްރީ މިސްކިތް ހުރި ތަނުގައި ފައްޅިއެއް އަޅާނެ ކަމަށް ވެސް އެމެނިފެސްޓޯގައިވެ އެވެ.

މީގެ ކުރިން އިދިކޮޅު ކޮންގްރެސް ޕާޓީންވެސް ވަނީ އެޕާޓީގެ މެނިފެސްޓޯ ނެރެފަ އެވެ. އެޕާޓީން ވައުދުވެފައިވާ ކަންތައްތަކުގެ ތެރޭގައި އިންޑިއާގެ އެންމެ ފަގީރު 20 ޕަސެންޓު އާއިލާތަކަށް ކޮންމެ އަހަރަކު 72،000 ރުޕީސް (1050 ޑޮލަރު) ލިބޭނެ ގޮތް ހަމަޖައްސައި ދިނުން ހިމެނެ އެވެ.

އިންޑިއާގެ އާއްމު އިންތިހާބު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ 19އާ ހަމައަށް ކުރިއަށްދާނެ އެވެ. އަދި ވޯޓުގެ ނަތީޖާ އިއުލާން ކުރާނީ އަންނަ މަހުގެ 23ގަ އެވެ.