ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދުގެ ގެ ރަސްމީ ގެކޮޅު، މުލިއާގެއިން ބުޅަލެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

މުލިއާގޭގައި ގެންގުޅޭ ފަސް ބުޅަލުގެ ތެރެއިން އެއްބުޅާ ގެއްލިގެން އެ ބުޅާ ހޯދަން މުލިއާގެއާ ކައިރި ހިސާބުތަކުގައި މީގެ ހަފްތާއެއްހާ ދުވަސްކުރިން ވަނީ ޕޯސްޓަރު ހަރުކުރަން ފަށައިފަ އެވެ. އޭފޯ ސައިޒަށް ހަދާފައިވާ އެ ޕޯސްޓަރުގައި ހުދުކުލައިގެ ބޭރު އެ ބުޅަލުގެ ފޮޓޯ ޖެހުމަށްފަހު ލިޔެފައިވަނީ "ހޯދާދެއްވި ފަރާތަކަށް ރަނގަޅު އިނާމެއް ދެވޭނެ" ކަމަށެވެ. އަދި އެ ބުޅަލުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތްތަކުން "7771653" ގުޅުމަށްވެސް އެ ޕޯސްޓަރުގައި އެދިފައިވެ އެވެ.

އެ ނަމްބަރަށް މިއަދު ސަން އިން ގުޅާލުމުން ވާހަކަދެއްކި މުލިއާގޭގެ އޮފިޝަލަކު ވިދާޅުވީ އެ ބުޅަލަކީ މުލިއާގޭގައި ގެންގުޅޭ ފަސް ބުޅަލުގެ ތެރެއިން އެއްބުޅާ ކަމަށާއި އެ ބުޅާ ގެއްލުނީ މީގެ ހަފްތާއެއްހާ ދުވަސްކުރިން ކަމަށެވެ. އަދިވެސް އެ ބުޅާ ފެނިފައިނުވާކަމަށް އޭނާ ވިދާޅުވި އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި އެ ބުޅާ ތަކަކީ ރައީސް ނަޝީދުގެ ދަރިކަނބަލަކު ގެންގުޅުއްވާ ބުޅާތަކެކެވެ.