ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ކާމިޔާބު ލިބުނު ކެންޑިޑޭޓުން ހުވާކުރުން އޮންނާނީ އަންނަ މަހުގެ 28ގައި ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.

އާ މަޖިލީހުގެ މެންބަރުން އަންނަ މަހުގެ 28 ވަނަ ދުވަހު ހުވާކުރާ ގޮތަށް ހަމަޖެއްސި ނަމަވެސް އެ ޖަލްސާ ބާއްވާނެ ތަނެއް އަދި މަޖިލީހުގެ އިދާރާއިން ނިންމާފައެއް ނުވެ އެވެ.

މަޖިލިހުގެ 87 ދާއިރާއަކަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް 65 ގޮނޑި ލިބެ އެވެ. ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމަށް ފަސް ގޮނޑި ލިބުނު އިރު، ކޮންގްރެސް ޕާޓީ އާއި އެމްޑީއޭއަށް ލިބެނޭ ދެ ގޮނޑި އެވެ. މިނިވަން ކެންޑިޑޭޓުންނަށް ހަތް ގޮނޑި ލިބެއެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން މި މަސް ނިމުމުން، މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާނެ އެވެ. އަދި އެ މެންބަރުންގެ ދައުރު ވެސް އެ ހިސާބުން ނިމުނީ އެވެ. ގަވައިދުގައިވާ ގޮތުން އަލަށް ހުވާކުރެއްވި މެންބަރުންނާ އެކު ދެ ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ ޖޫން މަހުގެ ކުރީކޮޅެވެ.