08 Apr 2019, 15:24
ދިރޭތަކެތީގެ ނަސްލާ ބެހޭ ހަ ވަނަ ރިޕޯޓާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު އެއް ދުވަހުގެ ބައްދަލުވުމެއް މިއަދު ފަށައިފި އެވެ.
އެ ރިޕޯޓަކީ ދިވެހިރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއްކަމަށްވާ "ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ"ގެ ދަށުން ލާޒިމްކުރާ މަސްއޫލިއްޔަތެއްގެ ދަށުން އެކުލަވާލެވޭ ރިޕޯޓެކެވެ.
މިއީ 1992 ވަނަ އަހަރު ދިވެހިރާއްޖެ އިން ބައިވެރިވެފައިވާ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ (ސީބީޑީ) އަކީ ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމާއި އޭގެ ބޭނުން ދެމެހެއްޓެނިވި ގޮތުގައި ކުރުމާއި ދިރޭތަކެތީގެ ނަސްލާއި ދިރުންތަކުން ލިބޭ ފައިދާ އިންސާފުވެރި ހަމަހަމަ އުސޫލެއްގެ ދަށުން ލިބޭ ގޮތް ހެދުމުގެ މަޤްސަދުގައި އުފެދުނު މުއާހަދާއެކެވެ.
މިއަދު ފެށި އެ ބައްދަލުވުމުގައި ސަރުކާރުގެ ކަމާގުޅުން ހުރި މުޢައްސަސާތަކުންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ޖުމްލަ 30 ބޭފުޅުން ބައިވެރިވެ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ދިރޭތަކެތީގެ ނަސްލާއިބެހޭ ހަ ވަނަ ވަނަ ރިޕޯޓުގައި ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ގައުމީ ފެންވަރުގައި އެކުލަވާލާފައިވާ ލަނޑުދަނޑިތަކާ ބެހޭ މަޢުލޫމާތު ހިމެނޭ ކަމަށެވެ. އަދި ބުނީ އެ ލަނޑުދަނޑިތަކުގެ ތެރޭގައި"ނޭޝަނަލް ބަޔޯޑައިވާސިޓީ އެކްޝަން ޕްލޭން" ތަންފީޒު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލު ހިމެނޭ ކަމަށެވެ.
އަދި އެ ކަންތައްތައް ތަންފީޒުކުރުމަށް ޓެކްނިކަލް ގޮތުންނާއި ސައިންޓިފިކްގެ ގޮތުން އަދި ކެޕޭސިޓީގެ ދަތިތައް ހުރި މިންވަރާއި ދިމާވާ ގޮންޖެހުންތަކުގެ ތަފްސީލު އެ ރިޕޯޓުގައި ހިމެނޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ ރިޕޯޓު އެއްކޮށް އެކުލަވާލުމަށް ފަހު މި މަހުގެ ތެރޭގައި ރިޕޯޓް ހުށަހެޅޭނެ ކަމަށެވެ.
ކޮންމެ ދެ އަހަރަކުން ހަދާ އެ ރިޕޯޓަކީ ދިރޭތަކެތީގެ ނަސްލުގެ ހާލަތު ދައްކުވައިދޭ ރިޕޯޓެއް ކަަމަށްވެސް މިނިސްޓްރީން ބުންޏެވެ.