08 Apr 2019, 13:33
ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އައިޖީއެމްއެޗު ކައިރީގައި ހަދަން ފެށި ދަރުމަވަންތަ ހޮސްޕިޓަލަށް އައިޖީއެމްއެޗްގެ ފިޒިއޮތެރަޕީ ޑިޕާޓްމަންޓް ބަދަލުކޮށްފިއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މުހައްމަދު މުފީދު މިއަދު ސަން އަށް ވިދާޅުވީ މިދިޔަ މަހު 30 ގައި ފިޒިއޮތެރަޕީ ޑިޕާޓްމަންޓް ދަރުމަވަންތަ ހޮސްޕިޓަލްގެ ހަތަރު ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
"މިހާރު ފިޒިއޮތެރަޕީ ހަދާނީ ދަރުމަވަންތަ ހޮސްޕިޓަލުގައި. ކުރިއަށްއޮތް ތަނުގައި އެހެން ހިދުމަތްތައް ވެސް ބަދަލުކުރަމުން ދާނަން،" މުފީދު ވިދާޅުވިއެވެ.
މުފީދު އިތުރަށް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވާނެ ވަކި ތާރީހެއް ރަސްމީކޮށް ނޭނގޭ ކަމަށެވެ.
އެ އިމާރާތަށް ދައުލަތުގެ ބަޖެޓުން 140 މިލިއަން ޑޮލަރު (2.1 ބިލިޔަން ރުފިޔާ) ވަނީ ހަރަދުކޮށްފަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާ ހިދުމަތްތައް ފުޅާކޮށް އެ ހޮސްޕިޓަލަށް ބޭންވާ މެޝިނަރީސް ހޯދުމަށް ބަޖެޓްގައި 818 މިލިއަން ރުފިޔާ ހިމަނައިފި އެވެ.