08 Apr 2019, 13:29
ހޮނިހިރު ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއިން ކާމިޔާބު ކުރުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ރައީސް ސޯލިހަށް ފޯނުން ގުޅުއްވައި މޯދީ ވިދާޅުވީ އިންތިހާބުން އެނގިގެން ދިޔައީ ދިވެހި ރައްޔިތުން މިހާރުގެ ސަރުކާރު ބަލައިގެންފައިވާ މިންވަރު ކަމަށެވެ.
މޯޑީ ވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވުމަށް ރައީސް ސޯލިހުގެ އަރިހުގައި އެދިވަޑައިގެންފަ އެވެ.
އޭގެ އިތުރުން މޯދީގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖެއަކީ އިންޑިއާ އާއި ވަރަށް ގާތް ގައުމެއްކަން ފާހަގަކުރައްވައި އެގަމުން އަބަދުވެސް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގޯންކަން ރައީސް ސޯލިހަށް އަރުވާފައެވެ.
ރައީސް ސޯލިހު ވަނީ މޯޑީގެ ވާހަކަފުޅުތަކަށް ޝުކުރު އަދާ ކުރައްވައި އަދި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އެމަނިކުފާނުގެ ޒަޢާމަތުގައި ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.
އަދި އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ރަނގަޅު ރަހުމަތްތެރިއެއް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފަ އެވެ.
އޭގެ އިތުރުން ރައީސް ސޯލިހު ވަނީ ކުރިއަށް އޮތް އިންޑިއާގެ ޕާލިމެންޓް އިންތިހުބުގައި ނަރެންދްރަ މޯދީއަށާއި އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ، ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ކާމިޔާބީ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުން މުހިންމު ކަމަށެވެ.
ހޮނިހިރު ދުވަހު އޮތް މަޖިލިސް އިންތިހާބުގައި ފަސްދޮޅަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އެމްޑީޕީއިން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފަ އެވެ.