08 Apr 2019, 12:14
ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮބްޒާވް ކުރަން އައި ބޭރުގެ ބައެއް ވަފުދުތަކުން އިންތިހާބު ބޭއްވި ގޮތާ މެދު ތައުރީފުކޮށްފި އެވެ.
އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖެ އައި، ޖޯޖިއާ، ޖަޕާން، ފިލިޕީންސް، ޖޯޑަން، އަދި އޭޝިއަން ނެޓްވޯކް ފޯ ފްރީ އިލެކްޝަންސް (އެންފްރެލް)ގެ ވަފުދުތައް ގުޅިގެން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި އެ ވަފުދުތަކުގެ އިސް ފަރާތްތަކުން ވަނީ ފާހަގަ ކުރެވުނު ކަންތައްތައް ބަޔާންކޮށްފަ އެވެ.
ވަފުދުތަކުގެ ތައުރީފު އިލެކްޝަންސް ކޮމިޝަނަށް
ޖޯޖިއާގެ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން މިއަދު ވާހަކަ ދެއްކެވި އެގައުމުގެ މަންދޫބު ޖިއޯޖީ ކަލަޑަރިޝްވިލައި ވަނީ ރާއްޖެއިން ކާމިޔާބު، މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާފައިވާ ކަމަށް ބުނެ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނަށް މަރުހަބާ ދަންނަވައިފަ އެވެ.
އަދި ވޯޓު ލުމާއި ވޯޓު ގުނުމުގެ ކަންކަން ބެލުމުގެ ތެރޭގައި އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިންތިހާބުގައި ވާދަ ކުރި ސްޓޭކްހޯލްޑަރުން (ކެންޑިޑޭޓުން)ގެ ފަރާތުން ވެސް އިންތިހާބުގެ ކަންތައްތަކަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިންގިކަން ފެނިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި އިސް ފަރާތްތަކުން އިންތިހާބަށް ތައްޔާރުވެފައި ހުރި މިންވަރު އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު،" އޭނާ ވިދާޅުވި އެވެ.

ޖޯޖިއާގެ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން މިއަދު ވާހަކަ ދެއްކެވި އެގައުމުގެ މަންދޫބު ޖިއޯޖީ ކަލަޑަރިޝްވިލައި -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް
ޖޯޖިއާގެ މަންދޫބުން އޮބްޒާވް ކުރީ އައްޑޫ ސިޓީގެ ވޯޓުލުމެވެ. ވޯޓުލި ދުވަހަކީ ހޫނު ގަދަ ދުވަހެއްކަން ފާހަގަ ކުރައްވައި ކަލަޑަރިޝްވިލައި ވަނީ ވޯޓުލުމުގެ މުއްދަތު އިތުރު ކުރުމަށް ނިންމި ނިންމުމަށް ވެސް މަރުހަބާ ވިދާޅުވެފަ އެވެ.
އޭޝިއަން ނެޓްވޯކް ފޯ ފްރީ އިލެކްޝަންސް (އެންފްރެލް)ގެ ވަފުދު ވެސް ވަނީ މަޖިލިސް އިންތިހާބު އޮބްޒާވް ކޮށްފަ އެވެ. އެ ވަފުދުގެ ފަރާތުން ވާހަކަ ދެއްކެވި އެންފްރެލްގެ އެގްޒެކެޓިވް ޑިރެކްޓާ ޗާންދަނީ ވަޓަވާލާ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ އިސް ފަރާތްތަކާއި އޮފިޝަލުން ޕްރޮފެޝަނަލްކަމާ އެކު މަސައްކަތް ކުރިކަން ފާހަގަ ކުރެވުނު ކަމަށެވެ.
އަދި ވޯޓުލާ މީހުންގެ އަދަދުތަކާއި އެހެނިހެން ތަފާސްހިސާބުތައް ފެންނަ ގޮތަށް އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުތައް ބެހެއްޓުމަކީ ދެފުށް ފެންނަ ގޮތަށް ކަންތައްތައް ކުރުމުގެ މިސާލެއް ކަމަށެވެ.
އޭގެ އިތުރުން، ވަފުދުގެ ފަރާތުން އޮބްޒާވް ކުރި ސަރަހައްދުތަކުން ބާތިލު ވޯޓު މަދުކަން ފާހަގަ ކުރެވުނު ކަމަށާއި އެކަމުން ވޯޓުލާ ފަރާތްތައް ހޭލުންތެރި ކުރުވާފައިވާ މިންވަރު އެނގޭ ކަމަށް ވިދާޅުވި އެވެ.

އޭޝިއަން ނެޓްވޯކް ފޯ ފްރީ އިލެކްޝަންސް (އެންފްރެލް)ގެ ފަރާތުން ވާހަކަ ދެއްކެވި އެންފްރެލްގެ އެގްޒެކެޓިވް ޑިރެކްޓާ ޗާންދަނީ ވަޓަވާލާ -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް
ފިލިޕީންސްގެ އިލެކްޝަންސް ކޮމިޝަނުގެ ވަފުދު އޮބްޒާވްް ކުރީ ހދ. ހަނިމާދޫގައި ހުރި ދެ ވޯޓު ސްޓޭޝަނެކެވެ. އެ ވަފުދުގެ ފަރާތުން ވާހަކަ ދެއްކެވި، ފިލިޕީންސްގެ އިލެކްޝަންސް ކޮމިޝަނުގެ ހެޑް އޮފް އިންޓަނޭޝަނަލް އޮޑިޓް އޮފީސް މައިމޫނާ އަޒީސާ ވެސް ވިދާޅުވީ، ވޯޓުލުމުގެ ކަންތައްތައް ދިޔައީ އަމާންކަމާ އެކު ދެފުށް ފެންނަ ގޮތަށް ކަމަށެވެ. އަދި ކާމިޔާބު ކަމާ އެކު ބޮޑު މައްސަލައެއް ނުޖެހި އިންތިހާބު ބޭއްވުނީތީ އޭނާ ވަނީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނަށް މަރުހަބާ ދަންނަވައިފަ އެވެ.
ޖޯޑަންގެ ވަފުދުން މާލޭ ސަރަހައްދުގެ ބައެއް ވޯޓުލުން ކުރިއަށް ދިޔަ ގޮތާއި ބ. ދަރަވަންދޫގެ ވޯޓުލުން ކުރިއަށް ދިޔަ ގޮތް އޮބްޒާވް ކޮށްފަ އެވެ. ޖޯޑަންގެ އިލެކްޝަންސް ކޮމިޝަނުގެ ކޮމިޝަނަރު ފައިސަލް އަލް ޝަބޫލް ވެސް ވަނީ އިންތިހާބު ކުރިއަށް ދިޔައީ ދެފުށް ފެންނަ ގޮތަށް ކަމަށް ވިދާޅުވެ ތައުރީފު ކުރައްވައިފަ އެވެ.
ޖަޕާނުގެ ވަފުދު އޮބްޒާވް ކުރީ މާލޭ ސަރަހައްދުގެ ވޯޓުލުމުގެ ކަންތައްތަކެެވެ. އެ ވަފުދުގެ ފަރާތުން ވާހަކަ ދެއްކެވީ ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީގެ އިސް ފަރާތެކެވެ. އޭނާ ވެސް މިއަދު ވިދާޅުވީ ހޮނިހިރު ދުވަހު އޮތް އިންތިހާބު ފާހަގަ ކުރެވުނީ ދެފުށް ފެންނަ އިންސާފުވެރި އިންތިހާބެއްގެ ގޮތުގައި ކަމަށެވެ.
އަދި އިލެކްޝަންސް ކޮމިޝަނުގެ ކޮންޓްރޯލް ސެންޓަރުގެ ސިސްޓަމުން، ވޯޓުލާ ފަރާތްތަކުގެ ތަފާސް ހިސާބުތައް އެނގޭ ގޮތަށް ހަދާފައި ހުރުމުން އެކަމަށް ވެސް ޖަޕާނުގެ ވަފުދުގެ ފަރާތުން ތައުރީފު ކުރި އެވެ.
ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް
އިންތިހާބު ކުރިއަށް ދިޔައީ ރަނގަޅަށް ކަމަށް ވަފުދުތަކުގެ ފަރާތުން ބުނި އިރު، އެ ވަފުދަުތަކުން ވަނީ އަދިވެސް ރަނގަޅު ކުރަން ޖެހޭ ބައެއް ކަންތައްތައް ފާހަގަކޮށްފަ އެވެ.
އެގޮތުން ޖޯޖިއާގެ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން މިއަދު ވާހަކަ ދެއްކެވި ކަލަޑަރިޝްވިލައި ފާހަގަ ކުރެއްވީ، އެ ވަފުދުގެ މެންޑޭޓު ކުޑަކަމެވެ. އެގޮތުން، އޮބްޒާވް ކުރުމަށް ފުރުސަތު ލިބުނީ ވޯޓުލުމާއި ވޯޓު ގުނުން ކަމަށާއި، ޕްރީ އިލެކްޝަން އަދި އާފްޓާ އިލެކްޝަން އޮބްޒާވް ކުރަން ފުރުސަތު ނުލިބޭ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ޖަޕާނުގެ ވަފުދުގެ ފަރާތުން ވަނީ އެ ވާހަކައަށް ތާއީދުކޮށް، އިންތިހާބުތައް ކުރިއަށް ގެންދާ ނިޒާމު އިތުރަށް ހަރުދަނާ ކުރެވޭނެ ޖާގަ އަބަދު ވެސް އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.
އެންފްރެލްގެ ފަރާތުން ވާހަކަ ދެއްކެވި ޗާންދަނީ ވަޓަވަލާ ވެސް ވަނީ ކުރިއަށް އޮތް ތަނުގައި އިންތިހާބުގެ އެހެން މަރުހަލާތައް އޮބްޒާވް ކުރުމުގެ ފުރުސަތު ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އޭގެ އިތުރުން ވޯޓުލާ ފަރާތްތައް ރަޖިސްޓްރީ ކުރުމުގެ ކަންތައްތައް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޗާންދަނީ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮބްޒާވް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދައުވަތު ދީގެންނާއި އަމިއްލަ އިސް ނެގުމުުގެ މަތިން ބޭރުގެ ފަރާތްތަކުން ރާއްޖެ އައިސްފައިވެ އެވެ. އެގޮތުން މިއަދު ވާހަކަ ދެއްކެވި ވަފުދުތަކުގެ އިތުރުން، ކޮމަންވެލްތް، އީޔޫ، ލީބިއާ، އަދި ބޭރުގެ މީޑިއާތަކުން ވެސް އިންތިހާބު މޮނިޓާ ކުރުމަށް އައިސްފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު އިއްޔެ ވިދާޅުވީ، މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މަޖިލިސް އިންތިހާބެއްގައި ދުވަހަކު ވެސް މީހުން ވޯޓު ނުލާ ވަރަށް ވޯޓުލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މިފަހަރުގެ އިންތިހާބުގައި 212،079 މީހުން ވޯޓުލާފައިވެ އެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ހަމަޖެހިފައި ވަނީ މިއަދު އެވެ.