ދިއްލީ (އޭޕްރިލް 8): އިންޑިއާގައި ބުރާސްފަތި ދުވަހު ފަށާ އާއްމު އިންތިހާބާ ދިމާކޮށް، އެގައުމުގެ އިލެކްޝަންސް ކޮމިޝަން (އީސީއައި) އަށް ފާއިތުވި މަހެއްހާ ދުވަސްތެރޭ އެއް މިލިއަނަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި އެވެ.

އިންޑިއާގެ ޑެޕިއުޓީ އިލެކްޝަން ކޮމިޝަނަރު ސަންދީޕު ސަކްސޭނާ ވިދާޅުވި ގޮތުގައި އިންތިހާބުގެ ސުލޫކީ މިންގަނޑު އީސީއައި އިން އާއްމު ކުރީ މިދިޔަ މަހުގެ 10އެއްގަ އެވެ. އޭގެ ފަހުން އެކޮމިޝަނުގެ ސޯޝަލް މީޑިއާ ޕޭޖުތަކަށާއި އެޕަށް ހުށަހަޅާފައިވާ ޝަކުވާގެ އަދަދު އެއް މިލިއަނަށް ވުރެ އިތުރުވާނެ ކަމަށް އީސީއައިގެ އޮފިޝަލަކު ވިދާޅުވި އެވެ.

"ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަ. ސޯޝަލް މީޑިއާގެ ސަބަބުން ދުނިޔެ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. އަދި އަޅުގަނޑުމެން ގެންގުޅޭ ސިޔާސަތުތަކާއި މަރުހަލާތަކުގެ ސަބަބުން މަސައްކަތްތައް ލަސްވޭ،" ނަން ހާމަ ކުރަން ބޭނުން ނުވާ އީސީއައިގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެ އޮފިޝަލު އިތުރަށް ވިދާޅުވި ގޮތުގައި އީސީއައިގެ މައި އޮފީހާއި އެހެން ސްޓޭޓުތަކުގައި ތިބެނީ 300 މުވައްޒަފުންނެވެ. އެހެންކަމުން ބައެއް މުވައްޒަފުން ދަނީ ހުއްޓުމަކާނުލައި 16 ނުވަތަ 17 ގަޑި އިރަށް މަސައްކަތް ކުރަމުންނެވެ.

ސަކްސޭނާ ވިދާޅުވި ގޮތުގައި އީސީއައިގެ އެޕަށް އެކަނި ލިބުނު ޝަކުވާ އާއި ސުވާލުތަކުގެ އަދަދު ވެސް 40،000 އަށް ވުރެ އިތުރުވާނެ އެވެ. އަދި އޭގެ ތެރެއިން 68 ޕަސެންޓު ޝަކުވާއާ ގުޅިގެން އެކޮމިޝަނުން ވަނީ ފިޔަވަޅު އަޅައިފަ އެވެ.

"ސޯޝަލް މީޑިއާ އާއި މޮބައިލް ފޯނުގެ ސަބަބުން މީހުންނަށް ވަގުތުން ކަންތައްތައް އެނގޭ. ނަމަވެސް މިކޮމިޝަނަށް ފިޔަވަޅު އެޅޭނީ (ޝަކުވާއާ) ބެހޭ ހެކި ލިބުމުން. އަދި އެކަން ކުރަން ގާތްގަނޑަކަށް 12 ގަޑި އިރު ނަގާ. އެއަށް ފަހު އަޅުގަނޑުމެންނަށް ފިޔަވަޅު އެޅޭނީ،" ސަކްސޭނާ ވިދާޅުވި އެވެ.

އީސީއައިއަށް އެންމެ ގިނައިން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު އަދި ވެރިކަން ކުރާ ބީޖޭޕީގެ މެމްބަރު ޔޯގީ އަދިތުޔާނަތު، އިންޑިއާގެ އަސްކަރިއްޔާއަކީ "ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސިފައިން"ގެ ގޮތުގައި ސިފަ ކުރެއްވި މައްސަލަ ހިމެނެ އެވެ. އެމައްސަލައާ ގުޅިގެން އީސީއައި އިން ވަނީ އެފަދައިން ވާހަކަ ނުދެއްކެވުމަށް އަދިތުޔާނަތުއަށް އަންގާފަ އެވެ.

މީގެ އިތުރުން ބޮޑުވަޒީރު މޯދީގެ ދިރިއުޅުމާ ބެހޭ ގޮތުން ހަދާފައިވާ ފިލްމެއް އިންތިހާބުގެ ކުރިން ދައްކަން އުޅޭ މައްސަލަ އާއި އިންޑިއާއިން އެންޓި ސެޓެލައިޓު މިސައިލެއް ކާމިޔާބު ކަމާ އެކު ޓެސްޓު ކުރުމުން، އެކަން ކެމްޕެއިނުގައި ހިމެނުމުން ހުށަހަޅާފައިވާ މައްސަލަތައް ވެސް އީސީއައި އިން ދަނީ ބަލަމުންނެވެ.

އަދި އިދިކޮޅު ލީޑަރު ރާހުލް ގާންދީއާ ދެކޮޅަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި، އިންޑިއާއިން ފްރާންސުގެ ރަފާލް ޖެޓުތަކެއް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ވިދާޅުވެ މޯދީގެ މައްޗަށް ތަކުރާރުކޮށް ތުހުމަތު ކުރައްވާ މައްސަލަ ހިމެނެ އެވެ. މިދިޔަ ޑިސެމްބަރު މަހު އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ރަފާލް އެއްބަސްވުން ހެދުމުގައި ކޮރަޕްޝަނު ހިމެނޭ ކަމަށް ނުބެލެވޭ ކަމަށް ނިންމައިފަ އެވެ.