09 Jun 2010, 14:35
19:00
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލަ ގަޔަށް ޕެޓްރޯލް އަޅައި ރޯކޮށްލައިގެން މަރުވި ކަމަށް ބުނާ މީހާގެ ހަށިގަނޑު, ފިނިކޮށާރު ނުވަތަ މޯޗަރީގައި ހަތަރު ދުވަހު ބޭއްވުމަށްފަހު މިއަދު ހަވީރު ވަޅުލައިފި އެވެ.
ގދ. ގައްދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުއްޓައި މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ގަޔަށް ޕެޓްރޯލް އެޅުމަށްފަހު އަމިއްލަ އަށް ރޯކޮށްލައިގެން މަރުވި ކަމަށް ބުނާ ގައްދޫ، ފުލޫނިޔާ އުމުރުން 22 އަހަރުގެ އިބްރާހިމް އަފްޒަލްގެ ބޭބެ އަހުމަދު ތޮލާލް މިއަދު ބުނީ އަފްޒަލް ވަޅުލުމަށް އާއިލާއިން ނިންމީ ޑޮކްޓަރުގެ ރިޕޯޓުތައް ލިބުމުން ކަމަށެވެ. ނަމަވެސް އެ ރިޕޯޓާ ބެހޭ ތަފްސީލެއް ތޮލާލް ނުދެ އެވެ. އޭނާ ބުނީ ޑޮކްޓަރުގެ ރިޕޯޓު ލިބުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށާއި އަދި އާއިލާއިން ބޭނުންވާ ގޮތަށް ރިޕޯޓު ލިބިފައިވާ ކަމަށް ވެސް ތޮލާލް ބުންޏެވެ.
އަފްޒަލްގެ ހަށިގަނޑު މިއަދު އަސުރު ނަމާދަށްފަހު ވަޅުލައިފައި ވަނީ ރޯކޮށްލުމުގެ ހާދިސާ ހިނގުމުގެ ކުރިން އޭނާ އަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ ޑޮކްޓަރުންގެ ރިޕޯޓްތައް ލިބޭއިރު އެ ނޫން ގޮތަކަށް އޮވެއްޖެނަމަ ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންގޮސްގެން ޕޯސްޓްމޯޓަމް ހަދައިގެން ނަމަވެސް ކަމުގެ ހަޤީޤަތް ހޯދާނެ ކަމަށް ބުނެފައި ވަނިކޮށެވެ.
ތޮލާލް އިތުރަށް ބުނީ، އަފްޒަލް ވަޅުލުމަށްފަހު ވެސް އެ މައްސަލަ ބަލަމުން ގެންދާނެ ކަމަށެވެ. ނަމަވެސް އަފްޒަލް ވަޅުލިއިރު ވެސް އޭނާގެ ހަށިގަނޑާ އާއިލާއިން ހަވާލުވެފައެއްނުވެ އެވެ. އަދި އޭނާ ވަޅުލުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައި ވަނީ ވެސް ސަރުކާރުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު މިހާރު ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ބެލުމަށްފަހު އެކަމުގައި ފުލުހުން ނަގަންޖެހޭ ޒިންމާއެއް ވާނަމަ ފުލުހުން އެ ޒިންމާ ނަގާނެ ކަމަށެވެ.