ބޮލީވުޑް އެކްޓަރު ވަރުން ދަވަން އާއި ބައްދަލުނުވުމުން، ވަރުންގެ ލޯބިވެރިޔާ އަދި ފެޝަން ޑިޒައިނަރު ނަތާޝާ ދަލާލް މަރާލާނެ ކަމުގެ އިންޒާރު، ސަޕޯޓަރަކު ދީފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ނަތާޝާ މަރާލަން އިންޒާރު ދިނީ އަންހެނެކެވެ. ވަރުން އާއި ބައްދަލުވޭތޯ އެ އަންހެން މީހާ އެތައް އިރެއް ވަންދެން ވަރުން ދިރިއުޅޭ ގޭ ބޭރުގައި މަޑުކޮށްގެން ހުރި ކަމަށާއި، ނަމަވެސް ވަރުން އާ ބައްދަލުވާ ގޮތް ނުވުމުން އޭނާ ރުޅި އައީއެވެ. ވަރުން ދިރިއުޅޭ ގޭގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތަކާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައި ވަނީ ގޭ ބޭރުގައި ވަރުން އަށް އިންތިޒާރު ކުރުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. އަދި ވަރުން ވެސް ބުރަ ނޫންނަމަ ސަޕޯޓަރުންނާ ބައްދަލުކޮށް ފޮޓޯ ނަގާ ހަދާ ކަމަށެވެ. އެހެން ނަމަވެސް އެ ހާދިސާ ހިނގި ދުވަހު ވަރުން ވަރުބަލިވެފައި ހުރުމުން ސަޕޯޓަރުންނާ ބައްދަލު ކުރަން މަޑުނުކޮށް ދިޔައީ އެވެ. އަދި ވަރުން ސަޕޯޓަރުންނާ ބައްދަލު ނުކުރާނެ ކަމަށް ބުނުމުން ވެސް އެ އަންހެން މީހާ އެކަން ގަބޫލެއް ނުކުރި އެވެ.

ފުރަތަމަ އޭނާ އިންޒާރު ދެމުން ދިިޔައީ ވަރުން އާއި ބައްދަލު ނުވެއްޖެ ނަމަ އަމިއްލަ ނަފްސަށް ގެއްލުން ދޭނެ ކަމަށް ބުނެއެވެ. ނަމަވެސް ފަހުން ވަރުންގެ ލޯބިވެރިޔާއަށް ގެއްލުންދޭނެ ކަމަށް ބުނަން ފެށީ އެވެ. “ނަތާޝާ މަރާލާނެ ކަމަށް ބުނެ އޭނާ އެތަނުގައި ގަޑިއެއްހާ އިރު މަޑުކުރި،” ސެކިއުރިޓީ ބުނިކަމަށްވެ އެވެ. އެހިސާބުން އެ އަންހެން މީހާ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. އަދި މިހާރު އޭނާ އާ ދެކޮޅަށް މައްސަލަ ފައިލް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.