08 Apr 2019, 11:08
އިސްލާމް އާބާދު (އެޕްރީލް 8) : ޕާކިސްތާނަށް ހަމަލާދޭން އިންޑިޔާ ސިފައިން ތައްޔާރުވަމުންދާކަށް ޕާކިސްތާނުން ތުހުމަތުކޮށްފިއެވެ.
ޕާކިސްތާނުގެ ދެކުނުގެ މުލްތާން ސަރަހައްދުގައި ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަހްމޫދު ގުރައިޝީ ވިދާޅުވީ އިންޑިޔާ ސިފައިން ޕާކިސްތާނަށް ހަމަލާދޭން ތައްޔާރުވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަން ވަރަށް ގާތުން ބަލަމުންގެންދާ ކަމުގައެވެ.
ގުރައިޝީ ވިދާޅުވީ އިންޑިޔާ ސިފައިން ކަޝްމީރު ސަރަހައްދުގައި އާދަޔާ ޚިލާފު ހަރަކާތްތަކެއްގައި އުޅޭކަން ޕާކިސްތާނުގެ އަސްކަރީ ޖާސޫސީ ފަރާތްތަކަށް ފާހަގަ ކުރެވިފައިވާތީ އެކަން އދ. އަށާއި ދުނިޔޭގެ ބޮޑެތި ބާރުތަކާވެސް ހިއްސާކޮށްފައިވާނެ ކަމުގައެވެ. އިންޑިޔާގެ ބޭނުމަކީ ޕާކިސްތާނަށް ހަމަލާދިނުމުގެ ބަދަލުގައި އަސްކަރީ ފިއްތުންތަކެއް ކުރިމަތިކުރުން ކަމަށްވެސް ވެދާނެކަމަށް ގުރައިޝީ ވިދާޅުވިއެވެ. އިންޑިޔާއިންވަނީ ޕާކިސްތާނުގެ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ ޕާކިސްތާނުގެ ތުހުމަތުތަކަކީ އަސާސެއްނެތް ތުހުމަތުތަކެއް ކަމުގައެވެ. އަދި ޕާކިސްތާނުގެ ބޭނުމަކީ ކަޝްމީރުގެ ހަނގުރާމަވެރި ޖަމާއަތްތައް އިންޑިޔާއާ ދެކޮޅަށް ހަރަކާތްތެރިވުމަށް މަގުފަހިކުރުން ކަމަށްވެސް އިންޑީޔާގެ ޚާރިޖީ ވުޒޒަރާގެ ތަރްޖަމާން ރަވިޝް ކުމާރު ވިދާޅުވިއެވެ.
މިދިޔަ ފެބްރުއަރީމަހު ކަޝްމީރުގެ ޖަމާއަތަކުން އިންޑިޔާގައި ދިން ޙަމަލާތަކަށްފަހު އިންޑިއާއި ޕާކިސްތާނާ ދެމެދު ވައިގެ ކުރިމަތިލުންތަކެއް ހިނގައި ޕާކިސްތާނުންވަނީ އިންޑިޔާ ގެ އަސްކަރީ ދެ މަތިންދާބޯޓު ވައްޓާލާފައެވެ. އެއަށްފަހު ދެގައުމުން ބަހުގެ ޙަމަލާތައް ބަދަލުކުރި ނަމަވެސް ދެގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުމެއް ހިނގާފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)