އިންޑިޔާއިން މާލޭ ސިޓީ ކައުންސިލަށް އެއްލައްކަ ފެންފޯއް ރުއް ހަދިޔާ ކޮށްފިކަމުގައި އެ ކައުންސިލުން މިއަދު ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އިންޑިޔާ ސަރުކާރުން ހަދިޔާކުރި ފެންފޯއް ރުއްތައް މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިގިނލީގައި އިންދަން ހަމަޖެހިފައިވާ ކަމަށެވެ.
"އިންޑިޔާ ސަރުކާރުން އަޅުގަނޑުމެންނަށް މި ދިނީ އެއް ލައްކަ ރުއް. އެރުއްތައް އަޅުގަނޑުމެންނަށް ތައްޔާރު ވެވުނީމަ ގެންނަންވީ، އަޅުގަނޑުމެން އެރުއްތައް ވަރަށް އަވަހަށް މާލެ ގެންނާނަން،" ޝުޖާއު ވިދާޅުވި އެވެ.

މަޖީދީމަގުގައި މިމަހު ކުރީކޮޅު އިންދި ފެންފޯއް ރުއްތައް މޯޅިވެގެން ގޮސް މަރުވަމުން ދާއިރު ސިޓީ ކައުންސިލުން ބުނީ އެރުއްތައް އިންދާފައި ވަނީ އެއްވެސް ވަރެއްގެ ދިރާސާއެއް ކުރުމެއް ނެތިކަމަށެވެ.
"މާލޭ މަގުމަތީގައި އަޅުގަނޑުމެން ރުއްތައް އިންދީ ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން [އަޖުމަ ބަލަން]. އެ ރުއްތައް އިންދިފައިވަނީ އެންމެ ރަނގަޅަށް ނޫންކަން އަޅުގަނޑުމެންނަށް އިނގޭ. އޭގެ ތެރެއިން ބައެއް ރުއްތައް މަރުވާނެ އަދި ބައެއް ރުއްތައް ހެދޭނެ." އޭނާ ވިދާޅުވި އެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ ފެންފޯއްރުއް އިންދައި އަދި ހައްދާ ގޮތް ދެނެގަތުމަށް ޓަކައި ސިޓީ ކައުންސިލްގެ (ގްރީން) ކޮމިޓީގެ މެމްބަރުން ފީވަކަށާއި އެހެނިހެން ރަށްރަށަށް ތަޖްރިބާ ދަތުރެއްކޮށް އެކަން ކުރަންވާ ގޮތް މިހާރު ދެނެގަނެވިފައި ވާކަމަށެވެ. ތަޖުރިބާގެ އަލީގައި މަޖީދީމަގާއި އެހެނިހެން މަގުތަކުގައި އިންދާ ފެންފޯއް ރުއްތައް ރަނގަޅަށް ހެއްދޭނެ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

މަޖީދީމަގުގައި ފެންފޯއް ރުއް އިންދަވައިދެއްވުމަށް މިމަހު ކުރީކޮޅު ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ މަޖީދީމަގުގައި އިންދި ފެންފޯއް ރުއްތަކުން ލިބޭ ފޯއް ވިޔަފާރި އުސޫލުން ވިއްކަން ނިންމާފައިވާ ކަމަށާއި ސިޓީ ކައުންސިލުން އެގޮތަށް އެކަން ކުރައްވާނެ ކަމަށެވެ.