ބެލުންތެރިންގެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އެޗްބީއޯގެ ސީރީޒް "ގޭމް އޮފް ތްރޯންސް"ގެ ފަހު ސީޒަން ޕްރިމިއާ ކުރުމަށް ދެން އޮތީ އެންމެ ހަފްތާއެކެވެ.

ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އެ ސީރީޒް ޕްރިމިއާކުރުމަށް ވަގުތު ކުޑަތަން ވަމުން އަންނައިރު ސީރީޒްގެ ކައުންޓްޑައުން ވަނީ ސޯޝަލް މީޑިއާގައި މިހާރު ފަށައިފަ އެވެ.

މައިގަނޑު ތިން ޓީޒާއެއް މިހާރު އާންމުކޮށްފައިވާ އިރު ސީރީޒްގެ "އާފްޓާމެތް" ދައްކާލީ މިދިޔަ އަންގާރަ ދުވަހު އެވެ.

ނޭވާ ހިފަހައްޓާލަން ޖެހޭ ޝައުގުވެރި ގިނަ މަންޒަރުތަކެއް ޓިޒާއިން ފެނުނު އިރު ތިބެންޖެހުނީ ދެން ވާނީ ކިހިނެއްތޯ ބެލުމަށް ކެތްމަދުވެފަ އެވެ.

ސީރީޒްގެ ތަރިންގެ ބައެއް ހަތިޔާރުކަމަށްވާ ޑްރެގަން ޗެއިން، ސްޓީލް ކަނޑި އަދި ކަނޑި ނީޑްލް ފަދަ ތަކެތި ސްނޯގެ ތެރެއަށް ވެއްޓިފައިވާ މަންޒަރު އެ "އާފްޓާމެތް"އިން ފެނިގެންދިޔައިރު ނައިޓް ކިންގް ފެނުނު ހެން ވެސް ހީވި އެވެ.

ކަންތައް ވެގެންދާނީ ކިހިނެއްތޯ ބެލުމަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން އަންނަ އިރު މިދިޔަ ހުކުރު ދުވަހު ނިއުޔޯކްގައި ވަނީ ފަހު ސީޒަން ޕްރީމިއާއެކު ފުރަތަމަ އެޕިސޯޑް ދައްކާލާ އިވެންޓެއް ދައްކާލައިފަ އެވެ.

ރެޑް ކާޕެޓްގައި އެ ހަފްލާ ބޭއްވިއިރު ގިނަ ތަރިންތަކެއް އެ ހަފްލާގައި ވަނީ ބައިވެރިވެފަ އެވެ.

ސީޒަން އަށެއްގައި ހިމެނޭނީ ހަ އެޕިސޯޑެވެ. ޖޯޖް އާރުއާރު މާޓިންގެ "ސޯންގް އޮފް އައިސް އެންޑް ފަޔާ"ގެ މައްޗަށް ތައްޔާރު ކުރަމުންދާ އެ ޓީވީ ޝޯ އަކީ ޓީވީ ތާރީހުގައި ބޮޑެތި ބަދަލުތަކެއް ފެނިގެންދާ ސީރީޒް އެކެވެ.