08 Apr 2019, 09:00
ކަރަން ޖޯހަރު ޕްރޮޑިއުސް ކޮށް އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ގުޑް ނިއުސް"ގެ ޝޫޓިން ނިންމާލައިފިއެވެ.
ރާޖް މެހެތާ ޑައިރެކްޓްކުރާ އެ ފިލްމުގެ ޝޫޓިން ނިންމައި، އަކްޝޭ ވަނީ ޓްވީޓެއް ވެސް ކޮށްފައެވެ. އަކްޝޭ ކުރި ޓްވީޓުގައި ބުނީ ޝޫޓިން ކާމިޔާބު ކަމާ އެކީ ނިންމާލެވިފައިވާ ކަމަށާއި ފިލްމުގެ މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
އަދި ފިލްމު އަޅުވާނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ކަމަށް ވެސް އެ ޓްވީޓުގައި ބުނެފައިވެއެވެ.
"ގުޑް ނިއުސް"ގެ ވާހަކަ ބިނާކޮށްފައި ވަނީ ދަރިއަކު ހޯދުމަށް މަސައްކަތް ކުރާ ދެމަފިރިންގެ ދިރިއުޅުމުގެ މައްޗަށެވެ.
އެ ފިލްމަކީ މަޖާ ފެމެލީ ޑްރާމާއެކެވެ. އަކްޝޭ އާއި ކަރީނާގެ އިތުރުން، "ގުޑް ނިއުސް" ގައި މުހިންމު ރޯލުތަކުން ދިލްޖީތު ދޯސާންޖް އަދި ކިއާރާ އަދްވާނީ ވެސް ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި ކަރީނާގެ ދަރިފުޅު ތައިމޫރު ވެސް ހާއްސަ ފެނިލުމަކުން ފެނިގެންދާނެއެވެ.
އަކްޝޭ އާއި ކަރީނާ ވަނީ މީގެ ކުރިން ވެސް އެކުގައި ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައެވެ. ދެމީހުން އެންމެ ފަހުން އެކުގައި މަސައްކަތް ކުރީ މީގެ ނުވަ އަހަރު ކުރިން ފިލްމު "ކަމްބަޚްތު އިޝްގް" ގައެވެ.