08 Apr 2019, 09:01
ކާށިދޫ ދާއިރާގާއި ހިންގުމަށް ނިންމާފައިވާ މަޝްރޫއުތަކަށް ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވުމަށް އެދި މިއަދު ސިޓީ ފޮނުއްވާނެ ކަމަށް އެ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ އިން ނާކާމިޔާބު ވެ އެ ޕާޓީގެ ޓިކެޓް ނުލިބުނު ނަމަވެސް ކާށިދޫ ދާއިރާގެ ގޮނޑި ޖާބިރު ކާމިޔާބު ކުރައްވާފައިވަނީ އަމިއްލަ ގޮތުން ވާދަކުރައްވައި އަދި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި މެންބަރުވެސް ބަލި ކުރައްވާފަ އެވެ. އަދި ޖާބިރު ވަނީ އެ ދާއިރާގައި މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތަކެއް ކުރިއަށް ގެންދާނެ ކަމުގެ ވައުދު ވެސް ވެވަޑައިގެންފަ އެވެ.
މީގެ ކުރިން ވެސް ކާށިދޫ ދާއިރާއަށް ކަމެއް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައި އޮތް ނަމަ އެކަމަށް ކޮށްދެއްވާފައިވާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ. އަދި ކާށިދޫ ދާއިރާގެ ރައްޔިތުން އޭނާ އެ ގޮނޑިއަށް އިންތިހާބު ކުރެއްވީ ވެސް ފުރިހަމައަށް އިތުބާރު ކުރައްވާތީ ކަން ޖާބިރު ފާހަގަ ކުރެއްވި އެވެ.
"މިހާރު ވެސް އެ މަސައްކަތްތައް ދަނީ ހިނގަމުން ކާށިދޫގައި ވެސް އަދ ގާފަރުގައި ވެސް. ސިނާއީ މަސައްކަތްތަކާއި އަދި ޓުއަރިޒަމަށް ރަށްތައް ތަރައްގީ ކުރުން ދަނީ ބާރަށް ކުރިއަށް،"
ކާށިދޫ ދާއިރާގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކަށް މިސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.
"ދެން އެ ތަސައްވަރު ކުރަހާފައި އޮތް ގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް އޮގަނައިޒް ކުރަމުން މިހާރު މިދަނީ. މިއަދު އިކޮނަމިކް މިނިސްޓްރީއަށް އަޅުގަނޑު ސިޓީ މިހާރު މި ފޮނުވަނީ ކާށިދޫގައި އެއާޕޯޓް އެޅުމާއި އަދި ކާށިދޫ ފަޅުތެރޭގައި ރިސޯޓް އެޅުމަށް އިކޮނަމިކް ކައުންސިލަށް ހުށަހަޅައިދިނުމަށް އެދި،" ޖާބިރު ވިދާޅުވީ.
ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން އެޕްރޫވަލް ލިބުމާ އެކު މަޝްރޫއުތައް ފައްޓަވާނެ ކަން ޖާބިރު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، ބޭރުގެ އިންވެސްޓަރުން ގެނެސް އެ މަސައްކަތްތައް ކާމިޔާބު ކުރުމުގެ ގާބިލްކަން އޭނާގެ ކިބައިގަ އެބަހުރި ކަމަށެވެ.
"ރައްޔިތުން އަޅުގަނޑާ ކޯޕްރޭޓް ކުރައްވަން ވީ. ރައްޔިތުން ވެސް ގަބޫލު ކޮށްގެންތާ މިއޮތީ އަޅުގަނޑު ހޮވިފަ. އެހެންވީމަ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ ރައްޔިތުންގެ އެއްބާރުލުން ބޭނުންވަނީ. ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވަނީ. ސަރުކާރުގެ އެއްބާރުލުން ބޭނުންވަނީ،" ޖާބިރު ވިދާޅުވި އެވެ.
ހޮނިހިރު ދުވަހު ކުރިއަށް ދިޔަ އިންތިހާބުގެ ކާށިދޫ ދާއިރާގެ ވޯޓުފޮށިތައް ގުނާ ނިމިފައިވާ އިރު އެ ދާއިރާގެ ގޮނޑި މިހާރު ޖާބިރަށް ވަނީ ކަށަވަރުވެފަ އެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވީ ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ކާމިޔާބު ކުރެއްވި އަބްދުﷲ ރިފްޢަތު އެވެ.