ހަނި މަގެއްގައި ހުރި އުމުރުން ދެ އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ގައިގާ ވޭނަކުން ޖެހި އެ ކުއްޖާ ވެއްޓުމުން ކުއްޖާގެ ގައިމަތިން އަޅާފައި ވޭން ދިޔަ އެވެ. ލެއާ ތަތްތެޅިފައި އޮތް އެ ކުއްޖާގެ ކައިރިން އަޅާފައި އޭގެ ފަހުން އެތައް ބަޔަކު ހިނގާފަ އާއި ވެހިކަލްތަކުގައި ދިޔަ އެވެ. އޭގެ ފަހުން އަނެއްކާ ޓްރަކެއް އެ ކުއްޖާގެ ގައިމަތިން ދިޔަ އެވެ.

މިއީ އަނިޔާވެރިކަން ދައްކުވައިދޭ ފިލްމެއްގެ މަންޒަރެއް ނޫނެވެ. ނަމަވެސް މިއީ މިހާރު ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ޗައިނާގެ ގުއާންޑޮން ޕްރޮވިންސްގެ ފޯޝަން ސިޓީގެ މަގުމަތީގައި ބަހައްޓާފައި ހުރި ސަވައިލެންސް ކެމެރާ އަކުން މިމަހުގެ 13 ވަނަ ދުވަހު ރެކޯޑްވެފައިވާ ހަގީގީ ހާދިސާއެއްގެ މަންޒަރެވެ.

ވޭނަކާއި ޓްރަކެއްގެ ދަށުވުމުގެ ސަބަބުން ޒަހަމްވެ ލެއާ ތަތްތެޅިފައި އޮތް ކުޑަ އަންހެނުން ކުއްޖާ މަގުން އެއްފަރާތް ކުރި އެ ކުއްޖާ އެހާލުގައި އޮއްވާ އެމަގުން ދިޔަ އަންހެނެކެވެ. އެއަންހެން މީހާއަކީ އެ ކުއްޖާ އެހާލުގައި އޮއްވައި އެމަގުން ދިޔަ 19 ވަނަ މީހާ އެވެ. ވަޒީފާ އަދާ ކުރުމަށް ޓަކައި ފޯޝަން ސިޓީ އަށް އައިސް އުޅޭ އެ ކުއްޖާގެ މަންމަ އަށް އެތަނަށް އާދެވުނީ އެހިސާބުންނެވެ.

ޗައިނާ ސަރުކާރުގެ ޒިންހުއާ ނިއުސް އެޖެންސީން ބުނި ގޮތުގައި ޔިއު ޔިއެމް ނަމަކަށް ކިޔާ އެ ކުއްޖާ މިހާރު އޮތީ ހޮސްޕިޓަލްގައި ކޯމާއެއްގަ އެވެ. ޗައިނާގައި އިނގިރޭސިބަހުން ނެރޭ ޗައިނާ ޑެއިލީ ނޫހުން ބުނި ގޮތުގައި އެ ކުއްޖާގެ ސިކުނޑި މިހާރު ވަނީ މަރުވެފަ އެވެ. އަދި އެ ކުއްޖާގެ ފުރާނަ ކޮންމެ ވަގުތެއްގައި ވެސް ހިނގައިދާނެ އެވެ.

ކުޑަކުއްޖާގެ ގައިމަތިން އަޅާފައި ވެހިކަލް ދުއްވި ދެ ޑްރައިވަރުން ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ކުއްޖާ އެހާލުގައި މަރުވާން ދޫކޮށް ދިޔަ މީހުންންގެ އިންސާނިއްޔަތު ކަމެއް ނެތް ކަމާ މެދު ޗައިނާގެ އިންޓަނެޓް ކޮމިއުނިޓީތަކުގައި މިހާރު ވަނީ ކުދިކުދި ބްލޮގްތައް ހަދައިފަ އެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޗައިނާގެ އިގުތިސާދު ކުރިއަރަމުން އަންނަ ހަލުވި ކަމާއި މުއްސަނދިންނާއި ފަގީރުންނާ ދެމެދު އޮތް ތަފާތު ބޮޑުކަމުން އެ ގައުމުގެ އިޖުތިމާއީ އަގުތައް ދަނީ ނެތެމުންނެވެ. އަދި އަނެއް ބަޔަކު ދެކޭ ގޮތުގައި އެ ގައުމުގެ މީހުން ދަނީ މާއްދިއްޔަތަށް ހުސްވަމުންނެވެ.

ހާލުގައި ޖެހިފައި ނުވަތަ ނުރައްކާތެރި ކަމެއް ކުރިމަތިވެފައިވާ މީހަކަށް އެހީވުމަށް ޗައިނާގެ ގިނަ މީހުން މިހާރު ފަސްޖެހެ އެވެ. ސަބަބަކީ އަނިޔާއެއް ލިބިފައިވާ މީހަކަށް އެހީތެރިވެއްޖެ ނަމަ އެއަނިޔާ ދިން ކަމުގެ ތުހުމަތު އެމީހެއްގެ ބޮލުގައި އެޅިދާނެ ކަމުގެ ބިރު އޮތުން ކަމަށް ބައެއް ފަރާތްކުން ބުނެ އެވެ. އެފަދަ ބައެއް ބޮޑެތި މައްސަލަތައް ކޯޓުން ނިމިފައި ވަނީ އެހީތެރިވާން އުޅުނު މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެގެންނެވެ. ( ޑެއިލީ މެއިލް)