18 Oct 2011, 08:42
ޓްރިޕޮލީ (އޮކްޓޯބަރ 81) : ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ އަށް ވަފާތެރި ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ބަނީ ވަލީދު އެއްކޮށް މިނިވަން ކުރެވިއްޖެކަމަށް ލީބިޔާގެ ހަނގުރާމަވެރިން ބުނެފި އެވެ.
ލީބިޔާގައި މިހާރު ވެރިކަންކުރާ އިންތިޤާލީ މަޖިލީހަށް ނިސްބަތްވާ ހަނގުރާމަވެރިން ބުނި ގޮތުގައި ހަ ހަފްތާގެ ޙިސާރު ކުރުމަކަށް ފަހު ރޭގެ ވަގުތެއްގައި ބަނީ ވަލީދު ވަނީ އެމީހުންގެ ފުރިހަމަ ބާރުގެ ދަށަށް ގެނަސްފަ އެވެ. ބަނީ ވަލީދުގައި ފައިހަރުކޮށްލައިގެންތިބި ގައްޒާފީއަށް ވަފާތެރި ސިފައިން ވިއްސި ވިހާލިވެ ލީބިޔާގެ އެކިކަންކޮޅުތަކަށް ފިލާފައިވާ ކަމަށާ ނަމަވެސް 300 އަށްވުރެގިނަ ސިފައިން އަސީރުންގެ ގޮތުގައި ހައްޔަރު ކުރެވުނު ކަމަށް ހަނގުރާމަވެރިންގެ ކޮމާންޑަރުން ހާމަކުރި އެވެ. ބަނީވަލީދަކީ ޓްރިޕޮލީގެ އިރުދެކުނުން 89 ވަރަކަށް ކިލޯމީޓަރު ދުރުގައިވާ ރަށެކެވެ.
ހަނގުރާމަވެރިންގެ އަތްދަށަށް ބަނީ ވަލީދު ގެނެވުނު ނަމަވެސް އެ ރަށުގައި އުޅުއްްވާ ކަމަށް ކުރިން ބެލެވިފައިވާ ގައްޒާފީއާއި އޭނާގެ ދަރިކަލުން ސައިފުލްއިސްލާމްގެ އެއްވެސް ޚަބަރެއް އަދި ހިލަމެއް ނުވެ އެވެ. މީގެ ހަފްތާއެއްހާ ދުވަސްކުރިން ސައިފުލްއިސްލާމް އެ ރަށުން ފިއްލަވާފައިވާ ކަމަށާއި އެ އަށްވުރެ މާކުރިން ގައްޒާފީ ލީބިޔާގެ ކޮންމެވެސް ހިސާބަކަށް ފިއްލަވާފައިވާ ކަމަށް ލީބިޔާގައި ޝާއިޢު ކުރެވުނު ބައެއް ރިޕޯޓްތައް ބުނެ އެވެ. ނަމަވެެސް މިއީ ކިހާވަރެއްގެ ތެދު ރިޕޯޓްތަކެއްކަން ސާފެއް ނުވެ އެވެ.
ގައްޒާފީއަށް ވަފާތެރި ސިފައިންގެ އަތްދަށުގައިއޮތް އަނެއް ރަށްކަމަށްވާ ސިރްތުގެ ވަރަށް ބޮޑުބައެއްވެސް މިހާރު ވަނީ ހަނގުރާމަވެރިންގެ އަތްދަށުގަ އެެވެ. ނަމަވެސް ގައްޒާފީ އަށް ވަފާތެރި ސިފައިން އަދިވެސް ސިރްތުގައި ބައެއް ހިސާބުތަކުގައި ކޮންމެވެސް ވަރަކަށް ޙަރަކާތްތެރިވަމުންދާ ކަމަށް ހަނގުރާމަވެރިން ބުނެއެވެ.
ގައްޒާފީ އަށް ވަފާތެރި ސިފައިންގެ އަތްދަށުގައި އޮތް ހަމައެކަނި ދެރަށް ކަމަށްވާ ސިރްތާއި ބަނީ ވަލީދު މިނިވަން ކުރެވުމުން ގައްޒާފީގެ ވެރިކަމުން ލީބިޔާ މިނިވަންކުރެވިއްޖެކަން އިންތިޤާލީ މަޖިލީހުން އިޢްލާން ކުރާނެ ކަމަށް އެމަޖިލީހުގެ މެންބަރަކު ވަނީ ވިދާޅުވެފަ އެެވެ. (އަލްޖަޒީރާ)