ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ކުރިއަށް އޮތް ފިލްމު "ނަފްރަތުވުމުން"ގެ ޓިކެޓް އޮލިމްޕަހުގައި ވިކެމުން އެބަދެ އެވެ.

މި މަހު ނުވަ ވަނަ ދުވަހުގެ ރޭ ޕްރިމިއާކުރާ އެ ފިލްމުގެ ޓިކެޓް ވިއްކަން މިދިޔަ ބުރާސްފަތި ދުވަހު ފަށާފައިވާއިރު ޓިކެޓަށް ލިބެމުންދާ ތަރުހީބު ބޮޑު ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ.

ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އަކުން ރޭގަނޑު 22:00އަށް ޓިކެޓް ވިއްކާއިރު ޓިކެޓެއްގެ އަގަކީ 100 ރުފިޔާ އެވެ.

ދަރަވަންދޫގައި މަންޒަރުތައް ނަގާފައިވާ"ނަފްރަތުވުމުން"ގެ ލީޑު ރޯލުން ފެންނާނީ މަރިޔަމް އައްޒަ އާއި އަލީ އާޒިމް (ދޮން އައްޔަ) އެވެ. އަދި "ނަފްރަތުވުމުން"ގެ މުހިއްމު ރޯލަކުން އަހުމަދު އީސަ(އާނަންދު) ވެސް ފެނިގެންދާނެ އެވެ.

އެ ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ލޯބި ހޯދޭނީ ލޯބިންތޯ ނުވަތަ ލޯތްބަކީ ފައިސާ އާއި މުދާވެރިކަމުން ގަނެވޭނެ އެއްޗެއްތޯ އެ ފިލްމު ނިކަން ރަނގަޅަށް ސާބިތުކޮށްދޭނެ ކަމަށް ޔޫއްޕެ 'ސަން' އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ރާއްޖޭގެ މުޖުތަމައު ތެރޭގައި ބޮޑުވެފައިވާ މައްސަލައަކަށް އެ ފިލްމު ވަނީ އަލިއަޅުވާލައިފަ އެވެ.