07 Apr 2019, 17:17
އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ ސަވައިލަންސް ޕެޓްރޯލެއްގައި ބައިވެރިވުމަށް އިންޑިއަން ނޭވީ ޝިޕް "އައިއެންއެސް ސާވިތްރީ" މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
އައިއެންއެސް ސާވިތްރީ ރާއްޖެއަށް ކުރާ މި ދަތުރުގައި، މިމަހު 08 އިން 12 އަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މިއީ ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި 2009 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލް ހަރަކާތެއް ކަމަށެވެ.
އެ ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިންޑިއާ އިން ބުންޏެވެ.
އެ ސަވައިލަންސް ޕެޓްރޯލް ނިންމާލުމަށް ފަހު އައިއެންއެސް ސާވިތްރީ ރާއްޖެ އިން ފުރުމަށް ހަމަޖެހިފައި ވަނީ މިމަހު 12 ވަނަ ދުވަހު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.