07 Apr 2019, 13:51
އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އެ ބޭފުޅުން ކުރިމަތިލެއްވި ދާއިރާތަކުން ކާމިޔާބީ ހޯއްދަވައިފަ އެވެ.
އެ ދެ ބޭފުޅުންނަކީ ވެސް ދެ ޕާޓީގެ ލީޑަރުންނަށްވެފައި އެ ދެ ބޭފުޅުން ވެސް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެހެންނަމަވެސް، ގިނަ ވޯޓު ގުނާ ނިމިފައިވާ އިރު އެ ދެ ބޭފުޅުންނަށް ކާމިޔާބީ ލިބިފައި ވަނީ ކުޑަ ތަފާތަކުންނެވެ.
ރައީސް ނަޝީދު ވާދަ ކުރެއްވި މައްޗަންގޮޅި މެދު ދާއިރާއިން އެމަނިކުފާނާ އެންމެ ގާތް ކުރީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ކެންޑިޑޭޓު އިބްރާހިމް މުހައްމަދު އެވެ. މިހާތަނަށް "ސަން"ގެ ނަތީޖާ ދައްކާ ގޮތުން ނަޝީދު އެ ދާއިރާއިން ކުރީގައި އޮތީ 150 ވޯޓުގެ ތަފާތުންނެވެ.
މާމިގިލީ ދާއިރާގެ ގޮނޑި ގާސިމް ކާމިޔާބު ކުރައްވާފައިވާ އިރު އޭނާއާ އެންމެ ގާތުން ވާދަ ކުރީ އެމްޑީޕީގެ ކެންޑިޑޭޓު އަލީ އަމީޒު އެވެ. "ސަން"ގެ ނަތީޖާ ދައްކާ ގޮތުން ގާސިމްއަށް އަމީޒްގެ މައްޗަށް ކުރި ލިބިފައި ވަނީ ގާތްގަނޑަކަށް 100 ވޯޓުގެ ތަފާތުންނެވެ.
ރައީސް ނަޝީދު މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާ އިރު އެމަނިކުފާނު ވެފައި ވަނީ ރާއްޖޭގައި ރައީސްކަން ކުރެއްވުމަށް ފަހު މަޖިލީހަށް އިންތިހާބުވި ފުރަތަމަ ބޭފުޅާ އަށެވެ.
ނިިމިގެން މިދާ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ގާސިމް މާމިގިލީ ދާއިރާއަށް އިންތިހާބުވެފައި މިވަނީ ތިން ވަނަ ފަހަރަށެވެ. މީގެ ކުރިން އޭނާ މާމިގިލީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ތާފާތު ބޮޑު ކޮށެވެ.