މޯލްޑިވްސް މީޑިއާ ކައުންސިލުން މި އަހަރު 10 ކޯހެއް ހިންގުމަށް ހަމަޖައްސާފައިވާ ކަމަށާއި އެ ކޯސްތަކުގެ ތެރެއިން މި މަހު ފަށަން ހަމަޖެހިފައިވާ ދެ ކޯހަކަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު އިތުރުކޮށްފި އެވެ.

މީޑިއާ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ކައުންސިލްގެ ރައީސް، މުހައްމަދު ނަޒީފް ވިދާޅުވީ 10 ކޯހެއް މި އަހަރު ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ އިރު މި މަހުގެ ތެރޭގައި ހިންގާނީ ދެ ކޯހެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ދެ ކޯހުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށާއި އެއީ މި މަހުގެ 22 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ މީޑިއާ މެނޭޖުމަންޓް (1) ވަނަ ކޯހާއި މި މަހުގެ 25 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މެނޭޖުމަންޓް (2) ވަނަ ކޯސް ކަމަށެވެ. އެ ދެ ކޯހުގެ ކުރިމަތިލުމުގެ ފުރުސަތު މިއަދު 4:00 ނިޔަލަށް ހުޅުވާލައިފައި އޮތް ނަމަވެސް، ކޯހަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެ ގޮތަށް މުއްދަތު އިތުރު ކުރަންޖެހުނީ ކޯސްތަކަށް ލިބެމުން ދިޔަ ތަރުހީބާ ގުޅިގެން އެކަމަށް އެދި ވަރަށް ގިނަ ބަޔަކު އެދިފައިވާތީ ކަމަށެވެ.