އިއްޔެ ޗެކް ރިޕަބްލިކުގެ ޕްރާގް ހާފް މެރަތަންގައި ވާދަކޮށް، ރާއްޖޭގެ ބާރު ދުވުންތެރިޔާ ޝިފާޒް މުހައްމަދު ގައުމީ ދެ ރެެކޯޑެއް މުގުރާލައިފި އެވެ.

ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން މެޑެއްޔެއް ހޯދުމުގެ އުންމީދުގައި ސަރުކާރުގެ ތަމްރީނީ ސްކޯލާޝިޕެއްގެ ދަށުން ޗެކް ރިޕަބްލިކްގައި މިވަގުތު ތަމްރީން ހޯދަމުން އަންނަ ޝިފާޒް އިއްޔެ މުގުރާލާފައި ވަނީ ރާއްޖޭގެ 15 ކިލޯމީޓަރު ދުވުމާއި 20 ކިލޯމީޓަރު ދުވުމުގެ ރެކޯޑެވެ.

މީގެ ކުރިން ވެސް އެ ރެކޯޑް އޮތީ ޝިފާޒް އަތުގަ އެވެ. އެއީ މިދިޔަ އަހަރު މޭ މަހު ނޭޕާލުގެ ކަންޓިޕޫރް ހާފް މެރެތަންގައި 1 ގަޑި 14:01 މިނެޓުން ދުވެގެން ހެދި ރެކޯޑެކެވެ. އިއްޔެ ދުވި ހާފް މެރަތަންގައި އެ ރެކޯޑް ޝިފާޒް މުގުރާލާފައި ވަނީ 1 ގަޑި 13:04 މިނެޓުން ދުވެގެންނެވެ. މިއީ ޝިފާޒްގެ ދުވުމުގެ ކެރިއަރުގައި މި ރެކޯޑް އާ ކުރި ތިންވަނަ ފަހަރެވެ.

ހާފް މެރަތަންގެ އިތުރުން ފުލް މެރަތަން ވެސް ދުވެ އުޅޭ ޝިފާޒް މިއަހަރުގެ އައިއޯއައިޖީގައި ވާދަ ކުރުމަށް ނިންމާފައި ވަނީ ހާފް މެރަތަންގައި ކަމުން އޭނާ ފަހަކަށް އައިސް ބޮޑަށް ތަމްރީން ހަދަމުން ދަނީ ހާފް މެރަތަންގައި ދުވުމަށެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ޝިފާޒް ދިޔައީ އެކި ފަރާތްތަކުގެ އެހީތެރި ކަމާ އެކު ކެންޔާގައި ތަމްރީން ހަދަމުންނެވެ.

ކެންޔާގެ ތަމްރީނުތަކަށް ފަހު ޗެކް ރިޕަބްލިކުގައި ތަމްރީން ހަދަން ޝިފާޒް އަންނަނީ އައިއޯއައިޖީ އަށް ތައްޔާރުވުމަށް ސްޕޯޓްސް މިނިސްޓްރީ އާއި އެތުލެޓިކްސް އެސޯސިއޭޝަނުން ހޯދައިދިން ފުރުސަތެއްގަ އެވެ.

މިއަހަރުގެ ޖުލައި މަހު އޮންނަ އައިއޯއައިޖީގައި ޝިފާޒް ވާދަ ކުރާ އިރު މެޑައްޔެއް ހޯދޭނެ ކަމުގެ އުންމީދު ބޮޑެވެ. އޭނާގެ ތަމްރީނުތަކާއި ކުރިއެރުންތަކަށް ބަލައި އައިއޯއައިޖީއިން އޭނާއަށް ފުރުސަތު ދީފައިވާ އިރު ޝިފާޒް އަންނަނީ އެކަން ކާމިޔާބު ކުރުމަށް ބުރައަޅާ މަސައްކަތް ކުރަމުންނެވެ.

ޝިފާޒްގެ އިތުރުން އައިއޯއައިޖީގެ ދިގު ރާސްތާ ދުވުންތަކުގައި ވާދަ ކުރުމަށް ތަމްރީން ހަދަމުން އަންނަ ދެވަނަ ފަރާތަކީ އަހުމަދު ޝަރަފް އެވެ. އޭނާ މިހާރު ތަމްރީން ހަދަމުން އަންނަނީ މޮރޮކޯގަ އެވެ.

ދިގު ދުވުންތަކުގެ އިތުރުން ކުރު ރާސްތާ ދުވުންތަކުގައި މިފަހަރުގެ ގޭމްސްގައި ވާދަ ކުރާނެ ޓީމު މިހާރު ވަނީ ފައިނަލް ކޮށްފަ އެވެ. އެ ޓީމުގައި ހިމެނޭ ދުވުންތެރިންނަކީ ހަސަން ސާއިދުއާއި އިބްރާހިމް އަފްޝާން އަލީ (އައްޕި) އާއި ނުޖޫމް ހަސަން އާއި ހުސެއިން ފަޒީލް ހާރޫނާއި ސަރީސް އަހުމަދާއި އިބާދުﷲ އާދަމް އަދި ހުސެއިން ރިޒާ އެވެ.