17 Oct 2011, 18:15
އޮޅުންތަކެއް ހިމެނޭ ގޮތަށް މާލޭ ސިޓީ އަށް ތިން ޓަރަކް ލޮރީއަކާއި ބައުޒަރެއް ހޯދި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލުން މިދިޔަ މަހު 22 ވަނަ ދުވަހުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ 1.5 ޓަނުގެ ތިން ޓްރަކާއި] 1.5 ޓަނުގެ ޑީސަލް ޑަންޕް[ އެއް ބައުޒަރު އެ ކައުންސިލަށް ގަންނަން ބޭނުންވާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެ މަހުގެ 26 ވަނަ ދުވަހު އެ ކައުންސިލަށް ހާޒިރުވެ، މައުލޫމާތު ސާފުކުރުމަށް ފަހު، ވިދިގެން އައި، އެ މަހު 27 ވަނަ ދުވަހު 14:30 އަށް ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަގު ހުށަހެޅުމަށެވެ.
ފަސް ކުންފުންޏަކުން ހާޒިރުވެ މައުލޫމާތު ހޯދިކަމަށް ބުނާ ކައުންސިލްގެ ލިޔެކިޔުންތަކުގައި ސޮއިކޮށްފައި ވަނީ ތިން ކުންފުންޏެއްގެ ފަރާތުން އެކެކެވެ.
ބިޑް ކޮމެޓީގެ މުގައްރިރުގެ ގޮތުން މާލޭ ސިޓީ ކައުންސިލްގެ މެންބަރު އައިމަން އިސްމާއިލު ސޮއިކޮށް ކުރައްވާފައިވާ ލިއުންތަކުގައިވާ ގޮތުން ތިން ކުންފުންޏަކުން އެ ތަކެތި ގެނެސް ދިނުމަށް ހުށަހަޅާފައި ވަނީ 90 ދުވަހުގެ ތެރޭގަ އެވެ. އަނެއް ކުންފުނިން 65 ދުވަހުގެ ތެރޭގަ އެވެ. ތިން ޓްރަކަށް އެވްރެކޮށް ހުށަހަޅާފައި ވަނީ 1.4 މިލިއަން ރުފިޔާ އެވެ. އަދި ބައުޒަރަށް ތިން ފަރާތަކުން އެވްރެޖުކޮށް، 535،216ރ. ހުށަހަޅާފައިވާ އިރު، އެއް ކުންފުންޏަކުން 2.5 މިލިއަން ރުފިޔާ ވެސް ހުށަހަޅައިފައިވެ އެވެ.
މާލޭ ސިޓީ ކައުންސިލްގެ ރައީސް މައިޒާން އަލިމަނިކު މިއަދު ވިދާޅުވީ ހަތަރު އައިޓަކަމަށް ބީލަމަށް އިއުލާން ކުރެއްވި ނަމަވެސް އެ ތަނަށް މިވަގުތަށް ގަންނަނީ ދެ ޓްރަކް ލޮރީ ކަމަށެވެ.
މާލިއްޔަތު ގާނޫނު ބުނާ ގޮތުން 1.5 މިލިއަން ރުފިޔާ އަށް ވުރެ އަގު ބޮޑު އެއްޗެއް ނަމަ ޖެހޭނީ ފިނޭންސް މިނިސްޓްރީގެ ދަށުގައި އޮންނަ ޓެންޑާ ބޯޑް މެދުވެރިކޮށް އަލުން އިއުލާން ކުރާށެވެ. ނަމަވެސް އަލިމަނިކު ވިދާޅުވީ އޭނާ އަކީ ސަރުކާރުގެ ވަރަށް ގިނަ ތަންތަނުގައި އުޅުއްވާފައިވާ ބޭފުޅެއް ކަމަށާއި ޓެންޑާ ބޯޑަށް ހުށަހަޅަން ނުޖެހޭ ކަމަށާއި އެ ތަކެތި ސްޕްލިޓްކޮށްލައިގެން]ބައިކޮށްލައިގެން[ ގަނެވިދާނެ ކަމަށެވެ.
ބީލަމަށް ހުޅުވާލި ގޮތާ ހިލާފަށް ތަކެތި ގެނައުމުގެ އޯޑަރު ދެއްވުމުން ދެން ތިބި މީހުންގެ ހައްގު ގެއްލޭނެ ނޫންތޯ ދެންނެވުމުން އަލިބެ ވިދާޅުވީ އަދި އެ ތަކެއްޗަށް ފައިސާ ދައްކަވާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ފައިސާ ދައްކަވާނީ ރަނގަޅަށް ބައްލަވާފައި ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ އެ ދެ ލޮރީގެ އަގަކީ 854،185.5ރު ކަމަށެވެ.
ޓެޕްކޮން ހާޑުވެއާ އިން ގެނައި ކަމަށް ބުނާ ވެހިކަލްތައް ރެއާ ހަމައަަށް ގުދަން ކޮށްފައި ހުރީ މާލޭ ސިޓީގެ ގޯތީތެރޭގަ އެވެ. އަލިބެ ވިދާޅުވީ އެއީ ގޯހުން ކުރެވުނު ކަމެއް ކަމަށެވެ. އެތަކެތި އެހާ އަވަހަށް ލިބުނީ ކިހިނެއްތޯ ދެންނެވުމުން އޭނާ ވެސް ސުވާލު ކުރައްވައި ވިދާޅުވީ އެތަކެތި މާލެ އިން ވެސް ވިއްކިދާނެ ނޫންތޯ އެވެ.