ނިމިގެންދިޔަ މަޖިލިސް އިންތިހާބަށް ކުރެވުނު އެންމެ ބޮޑު އުއްމީދަކީ ގިނަ އަދެދެއްގެ އަންހެން މެންބަރުންތަކެއް މަޖިލީހުގެ ތަޅުމުން ފެންނާނެ ކަމަށް ކުރެވުނު އުއްމީދެވެ.

އަންހެނުން ބާރުވެރިކުރުވައި، ނިންމުންތައް ނިންމާ މަގާމުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ދިވެހިންނަށް ލިބުނު ރަނުގެ ފުރުސަތަކަށް މަޖިލިސް އިންތިހާބު ވެގެންދިޔައެވެ. 87 ދާއިރާ އަށް ޖުމްލަ 35 އަންހެނުން ވާދަކުރިއިރު، މަޖިލިސް އިންތިހާބު ކާމިޔާބުކުރީ އެންމެ ހަތަރު މެންބަރުންނެވެ.

އެއީ ގަލޮޅު އުތުރު ދާއިރާ އަށް އީވާ އަބްދުﷲ، ހިންނަވަރު ދާއިރާއަށް ޖީހާން މަހުމޫދު، އައްޑޫ މީދޫ ދާއިރާއަށް ރޮޒައިނާ އާދަމް އަދި ތުޅާދޫ ދާއިރާ އަށް ހިސާން ހުސައިން އެވެ. މިއީ މުޅިންވެސް ވެރިކަންކުރާ މައިޕާޓީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

ނިމިގެން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފަސް އަންހެން މެންބަރުން ތިއްބެވި އެވެ. ނަމަވެސް ފެނިގެން ދިޔައީ މަޖިލީހުގެ ގޮނޑި އިތުރުވި ނަމަވެސް މަޖިލީހަށް އިންތިހާބުވި އަންހެނުންގެ އަދަދު މަދުވުމެވެ.

މަޖިލިސް އިންތިހާބުގެ ނަތީޖާއަށްފަހު މިހާރު އެންމެ ބާރަށް ދެކެވޭ ވާހަކައަކީ މަޖިލީހުގެ ރައީސްގެ މަގާމަށް އަންހެން މެންބަރަކު ގެނައުމަށް ދެކެވޭ ވާހަކައެވެ. އަންހެނުން ބާރުވެރި ކުރުމަށް ގޮވާލާ ގޮވާލުންތަކަށް ބާރު ލިބޭނެ ކަމަކަށް މިކަން ވާނެއެވެ.