07 Apr 2019, 01:07
ސަރުކާރު ތެރޭގައި ވައްކަންކުރުމަށް ޖާގައެއް ނޯންނާނެ ކަމަށާއި ވައްކަންކުރުމަށް ހިތުލައިގެން ހުންނެވި މީހަކު ހުރި ނަމަ ސަރުކާރާއި ދުރަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ވަނީ ބޮޑު އަގުލައްބިއްޔަތެއް ލިބިފައެވެ. މިހާތަނަށް ނަތީޖާތައް ދައްކާ ގޮތުން އެމްޑީޕީއަށް ވަނީ 60 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުވެފައެވެ.
އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބުގެ އުފާފާޅުކުރުމަށް ރޭ ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުން އިހުސާހުސާތަކާ އެއްގޮތަށް މަސައްކަތް ކުރަން ބޭނުން ނުވާ މީހަކަށް ސަރުކާރު ތެރެއިން ޖާގައެއް ނޯންނާނެ ކަމަށާއި އެފަދަ މީހަކު ސަރުކާރު ތެރޭ ހުރި ނަމަ ދުރަށް ޖެހިވަޑައިގަތުމަށް އެދޭ ކަމަށެވެ.
އަދި އެމަނިކުފާނުގެ ސަރުކާރުގައި ވައްކަން ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން ރައީސް ތަކުރާރު ކުރެއްވި އެވެ.
"މިސަރުކާރުގައި ވައްކަމަށް ޖާގައެއް ނޯންނާނެ. އެކަން ކުރުމަށް ހިތުލައިގެން ހުންވި ބޭފުޅެއް ވާނަމަ މިވަގުތު ޖެހޭނީ ސަރުކާރާ ދުރަށް ޖެހިވަޑައިގަންނަވަން،" ރައީސް ވިދާޅުވިއެވެ.
"ރައްޔިތުންގެ އިހުސާސުތަކާއި ރައްޔިތުންގެ އެދުމާއެއްގޮތަށް މަސައްކަތްކުރަން ބޭނުން ނުވާ މީހަކަށް މިސަރުކާރުގައި ޖާގައެއް ނޯންނާނެ. މިސަރުކާރުގައި ތިބެން ވާނީ ރައްޔިތުންނަށް ހިދުމަތްކުރަން. އަމިއްލަ އެދުމަށް މަސައްކަތްކުރުމުގެ ޖާގައެއް ހަމަހިލާ އިރާދަ ކުރެއްވިޔާ އަޅުގަނޑު ނުދޭނަން،"
މިއަދު ބޭއްވި އިންތިހާބުގައި ވޯޓުލީ ރައްޔިތުންނަށާއި ހާއްސަކޮށް އެމްޑީޕީއަށް ލިބުނު ކާމިޔާބީއަށްޓަކައި އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ފަރާތްތަކަަށް ރައީސް ޝުކުރު އަދާ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މިއަދު ރައްޔިތުން ނިންމެވި ނިންމުމަކީ ހެޔޮވެރިކަމަކަށް ރައްޔިންތުން ކުރާ އުންމީދުގެ "ދަލީލެއް" ކަމަށެވެ.
"ތިބޭފުޅުން ކޮރަޕްޓް ވެރިކަމަކަށް ނޫނެކޭ ބުނެފި. ތިބޭފުޅުން ކިލަބުވެފައި އޮތް ރައްޔިތުންގެ މަޖިލީހެއް ޒިންމާދާރު މަޖިލީހަކަށް ހެދުމަށް މަސައްކަތް ކުރައްވައިފި. ދެން އޮތީ އަޅުގަނޑުމެންގެ ވާޖިބު. މިއަދު ތިބޭފުޅުން ތިޔަ ނިންމެވި ނިންމުމަކީ ހެޔޮ ވެރިކަމަކަށް ތިބޭފުޅުން ކުރައްވާ އުންމީދުގެ ދަލީލެއް،" އެމްޑީޕީ އަށް މަޖިލިސް އިންތިހާބުގައި ލިބުނު ކާމިޔާބާ ގުޅިގެން ރައީސް ސޯލިހް ވިދާޅުވިއެވެ.
"ރައްޔިތުން މިއަދު ނިންމި ނިންމެވުމަކީ، 23 ސެޕްޓެމްބަރުގައި ތިބޭފުޅުން ނިންމި ނިންމުމާ އެއްގޮތަށް އަދިވެސް ތިބޭފުޅުން ތިއްބެވި ކަމަން އަންގާދިނުމަށް ނިންމި ނިންމުމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިއީ ގައުމުގެ ހުރިހާ ރައްޔިތުންވެސް އެންމެ އެކީގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. އެމަނިކުފާނު ހުންނެވީ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ރައްޔިތުންނަށް ހިދުމަތް ކުރުމަށް ތައްޔާރަށް ކަމަށް ވިދާޅުވާ ވިދާޅުވުން މިރޭވެސް ތަކުރާރު ކުރެއްވި އެވެ. ރާއީސް ވިދާޅުވީ، އެމަނިކުފާނާ ރައްޔިތުން ވެރިކަމަށް އައި ގޮތް އަދިވެސް ހަދާނެ ނުނެތޭ ކަމަށެވެ. ނަމަވެސް ސަރުކާރު ހިންގާ ކޯލިޝަންއާ ގުޅޭގިތުން ރައީސް އެއްވެސް ވާހަކަ އެއް ނުދައްކަވައެވެ.
ރައީސް އިތުރަށް ވިދާޅުވީ، އަލަށް އިންތިހާބުވީ މަޖިލީހުގެ ތާއީދާއެކު އެމަނިކުފާނު އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ކުރިައަށްދާނެ ކަމަށެވެ.
މިހާތަނަށް "ސަން"އަށް ލިބިފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން 60 އަށް ވުރެ ގިނަ ގޮނޑިތަށް ކާމިޔާބުކޮށްފައިވަނީ ރައީސް ސޯލިހް ނިސްބަތްވާ އެމްޑީޕީއިންނެވެ. މިއީ ރާއްޖޭގެ ބަރުލަމާނީ ތާރީހުގައިވެސް ޕާޓީއަކަށް އިންތިހާބަކުން މިހާ ބޮޑު އަގުލަބިއްޔަތެއް ލިބުނު ފުރަތަމަ ފަހަރެވެ.