07 Apr 2019, 00:39
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބުމާ އެކު "ރޮލެކްސް ގަޑިއާ ކޮހިނޫރު އަނގޮޓީގެ ޒަމާން" ނިމިގެންގޮސްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި އިންތިހާބުގައި ގިނަ ވޯޓުތައް މިހާރު ގުނައި ނިމިފައިވާ އިރު 86 ދާއިރާއަށް ކުރިމަތިލި އެމްޑީޕީއަށް ވަނީ ގިނަ ދާއިރާއިން ކާމިޔާބީ ލިބިފަ އެވެ. އެ ޕާޓީއަށް މަޖިލީހުގެ ސުޕާ މެޖޯރިޓީ ލިބޭނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.
"ރޮލެކްސް ގަޑި އާއި ކޮހިނޫރު އަނގޮޓީގެ ޒަމާން މި ނިމުނީ،" އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުން ފާހަގަ ކުރުމަށް ލޮނުޒިޔާރަތްކޮޅުގައި ބޭއްވި އެއްވުމުގައި ނަޝީދު ދެއްކެވި ވާހަކަފުޅު ފައްޓަވަމުން ވިދާޅުވި އެވެ.
އެކަމިނުކުފާނު މިރޭ ވިދާޅުވީ، ރައްޔިތުން މިއަދު އިންތިހާބުކޮށްފައި ވަނީ ނަޒާހަތްތެރި މަޖިލީހެއް ކަމަށެވެ.
"ތިޔަ ބޭފުޅުން ތި އިންތިހާބު ކުރެއްވީ ނަޒާހަތްތެރި ރައްޔިތުންގެ މަޖިލީހެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް އެ ވާޖިބު އަދާކޮށްދޭނަން،"
އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން އިންތިހާބު ކުރި މަޖިލީހުން، އެ ރައްޔިތުން އެދޭ ކަންތައްތައް ކޮށްދޭން މަސައްކަތް ކުރާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ތިޔަ ބޭފުޅުން އަޅުގަނޑުމެންނާ ހަވާލުކޮށްފައިވާ މަސައްކަތް އަކުރުން އަކުރަށް، ރަނުން ރަނަށް ކޮށްދޭނަން،"
އޭގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އޮމާންކަމާއި އަމާންކަމާ އެކު ދެމެހެއްޓުމަށް އެންމެ ބޮޑު އިސްކަމެެއް ދެއްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިއަދު އޮތް އިންތިހާބުގައި ނަޝީދު ވާދަކުރެއްވީ މައްޗަންގޮޅި މެދި ދާއިރާއަށެވެ. އެމަނިކުފާނު އެ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ އިރު އެމަނިކުފާނު ވެފައި ވަނީ ރާއްޖޭގައި ރައީސްކަން ކުރެއްވުމަށް ފަހު މަޖިލީހުގެ މެމްބަރުކަމަށް އިންތިހާބުވި ފުރަތަމަ ފަރާތަށެވެ.
މަޖިލީހުގެ ގޮނޑި ކަށަވަރުވެފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރެއްވި މީކާއިލް ނަސީމް، ތުޅާދޫ ދާއިރާއަށް ވާދަ ކުރެއްވި ހިސާން ހުސެއިން، މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަ ކުރައްވާ މުހައްމަދު ރަޝީދު އަދި ހޯރަފުށި ދާއިރާއަށް ވާދަ ކުރެެއްވި އަހުމަދު ސަލީމް ހިމެނެ އެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ގިނަ ކެންޑިޑޭޓުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ހިމެނެ އެވެ.