17 Oct 2011, 16:38
ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަން ސާރވިސަސް(ޑީޕީއާރުއެސްއެސް)ގެ ފަސް މުވައްޒަފަކު އިއްޔެ ނޫސް ކޮންފަރެންސެއް ބާއްވައި އެ ޑިޕާޓްމަންޓާ ބެހޭ ގޮތުންނާއި އެ ޑިޕާޓްމަންޓްގެ މުވައްޒަފުންނާއި އެ ޑިޕާޓްމަންޓްގެ އިސްވެރިޔާ ދިފާއު ކުރައްވައި ވާހަކަ ދެއްކުމަކީ ސިވިލްސާވިސްގެ އެއްވެސް މުވައްޒަފަކު އަމަލުކޮށްގެން ވާނެ ގޮތެއް ނޫން ކަމަށް ސިވިލް ސާވިސް ކޮމިޝަން ]ސީއެސްސީ[ އިން ބުނެފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ސިވިލްސާވިސްގެ ގަވާއިދުގެ 10 ވަނަ މާއްދަގެ ހ ގައި ވާގޮތުން އެއްވެސް މުވައްޒަފަކު ގާނޫނާއި ގަވާއިދާއި ކޯޑްއޮފް ކޮންޑަކްޓާ ޙިލާފްކަމެއް ކުރާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ އެކަމުގެ މަޢުލުމާތު އެއޮފީހުގެ ޕާމަނަންޓު ސެކްރެޓަރީ އަށް ނުވަތަ ޒިންމާދާރު އިސްވެރިޔާ އަށް ހުށައަޅައި އެކަމެއް ބެލުމުގެ ފުރުސަތު އެފަރާތަށް ދެވިފައިވާ ކަމަށެވެ.
"މުވައްޒަފަކާ މެދު ކޮމިޝަނުން ނުވަތަ އެ މީހަކު ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ އެއޮފީހެއްގެ ޒިންމާދާރު އިސްވެރިޔާ ސިވިލް ސާވިސްގެ ގާނުނާއި ގަވާއިދާ ހިލާފަށް ބޭއިންސާފުން ކަމެއް ކޮށްދޭ ނަމަ އެކަން އިލްތިމާސް ކުރުމުގެ ފުރުސަތު ލިބިގެންވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ." ނޫސްބަޔާނުގައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެ ކޮމިޝަނުގެ މުވައްޒަފުންގެ ރަސްމީގަޑީގައި އަމިއްލަ ކަމެއްކުރުން ނުވަތަ އެއްވެސް ސިޔާސީ ފަރާތެއްގެ މަސްލަހަތު ކުރިއެރުވުމަށްޓަކައި އެމުވައްޒަފެއްގެ މަގާމު ބޭނުން ހިފައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް ޑީޕީއާރުއެސްގެ މުވައްޒަފުން އެގޮތަށް އެކަން ކޮށްފައިވާތީ ސިވިލް ސާވިސްކޮމިޝަނުން އެކޮމިޝަނުގެ ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާއި އެއްގޮތަށް އަމަލު ކުރުމަށް ހަދާން ކޮށްދެއްވާ ކަމަށެވެ.
އިއްޔެ ޓްރޭޑާސް ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ޑީޕީއާރުއެސްގެ ފަސް މުވައްޒަފަކު ވަނީ އެތަން ހިންގެވުމާ ހަވާލްވެހުންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހަންމަދު ނައީމް (މޮނާޒާ ނައީމު)ދިފާއުކަރައްވައި ވާހަކަ ދައްކާފަ އެވެ.
އަމިއްލަ ހައިސިއްޔަތުން ކަމަށް ބުނެ ޓްރޭޑާސް ހޮޓެލްގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ސުޕްރިންޓެންޑެންޓް މުހައްމަދު އާސިފު ވިދާޅުވީ ޑީޕީއާރްއެސްގެ މުވައްޒަފުން ކަމަށް ބުނެ ނައީމާ ދެކޮޅަށް އޭސީސީ އަށް ފޮނުވި ޕެޓިޝަނުގައި އެއްވެސް މީހެއްގެ ނަމެއް ވެސް ސޮއެއް ވެސް ނެތްކަމަށެވެ. އެއީ ޑީޕީއާރްއެސްގެ މުވައްޒަފުން ފޮނުވާފައިވާ ޕެޓިޝަނެއް ނޫން ކަމަށެވެ.