ނިޔުޔޯކް (އޮކްޓޯބަރ 17) : އިންސާނުންގެ އެކްސްޕްލޮއިޓްކޮށް އެމީހުންގެ ނާޖާޒާއިޒު ފައިދާ ނަގަމުންގެންދާ ދުނިޔޭގެ މާލީ ނިޒާމާއި ބައިނަލްއަޤްވާމީ އިޤްތިސާދީ ސިޔާސަތުތަކާ ދެކޮޅަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ރައްޔިތުން ކުރަމުން ގެންދާ މުޒާހަރާތަކާއި އިޙްތިޖާޖްތައް ބޮޑުވެ ފުޅާވަމުންދާ ކަމަށް ޚަބަރު ލިބިއްޖެވެ.

ވޯލްސްޓްރީޓާ ދެކޮޅަށް މިމަހުގެ ކުރީކޮޅު އެމެރިކާގައި ފެށުނު މިމުޒާހަރާތައް މިހާރުވަނީ ޔޫރަޕްގެ ޤައުމުތަކާއި ޖަޕާނަށްވެސް ފެތުރިފައެވެ. އެމެރިކާގެ ނިޔުޔޯކްގެ މެންހަޓަން ސަރަޙައްދުގެ ޓައިމްސް ސްކެއަރ ގައި އިއްޔެވެސް 5 ހާހަށްވުރެ ގިނަމީހުން ވޯލްސްޓްރީޓްގެ ކުންފުނިތަކާ ދެކޮޅަށް އަޑުއުފުލައި ވޯލްސްޓްރީޓްގެ ކުންފުނިތަކާއި މާލީ ނިޒާމަކީ އިންސާނުންގެ ލޭބޯ ޑްރެކިއުލަރ ތަކެއް ކަމަށް ސިފަކޮށް އަޑުއުފުލާފައިވެއެވެ.

ނިޔުޔޯކްގެ މޭޔަރ ވަނީ ވޯލްސްޓްރީޓްގެ އަނިޔާވެރިކާމާ ދެކޮޅަށް މުޒާހަރާ ކުރާމީހުންނަކީ ބާޣީން ކަމަށް ސިފަކުރައްވައި އެމީހުން ހައްޔަރުކުރުމަށް ފުލުހުންނަށް ގޮވާލައްވާފައެވެ. ނިޔުޔޯކްގެ މުޒާހަރާތަށް ރޫޅާލުމަށްފަހު 92 މީހަކު ނިޔުޔޯކް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ނިޔުޔޯކްގެ އިތުރުން ޝިކާގޯ ގެ ގްރާންޑް ޕާކްގައި 2 ހާހަށްވުރެ ގިނަމީހުން އިއްޔެ ފޭލިގެ ޖަހައިގެން އިޙްތިޖާޖްތައް ކުރަމުން ގެންދިޔައެވެ. ނަމަވެސް އެރަށުގެ ފުލުހުންވަނީ ބާރުގެ ބޭނުންކޮށްގެން މިއެއްވުން ރޫޅާލައި އެތަށްބަޔަކު ހައްޔަރުކޮށްފައެވެ. ނިޔުޔޯކްއާއި ޝިކާގޯގެ އިތުރުން އެމެރިކާގެ އެރިޒޯނާ ސްޓޭޓްގައިވެސް އެތަށް ސަތޭކަ ބަޔަކު މުޒާހަރާކުރިއިރު 40 ށް ވުރެ ގިނަމީހުން އެސްޓޭޓްގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. މިތަންތަނުގައި މުޒާހަރާކުރި މީހުން އެމެރިކާގެ ބޮޑެތި ކުންފުނިތައް ސިފަކޮށްފައިވަނީ އެމެރިކާ ރައްޔިތުންގެ ބޮލަށް ސަވާރުވެފައިވާ އަނިޔާވެރި ޑިކްޓޭޓަރގެ ގޮތުގައެވެ.

އެމެރިކާގެ ރައީސާއި ސަރުކާރުވެސް ކޮންޓްރޯލްކުރަނީ ވޯލްސްޓްރީޓްގެ ދަހިވެތި ކުންފުނިތަކުން ކަމަށާ އެކުންފުނިތަކުގެ ވެރިންނަކީ އިންސާނުންގެ ލޭބޯ ބައެއް ކަމަށް އިޙްތިޖާޖްކުރި މީހުން ސިފަކުރަމުން ގެންދިޔައެވެ. އެމެރިކާގެ އިތުރުން މެކްސިކޯއައި ކެނެޑާ،ގެ އެތަށް ރަށެއްގައާއި ޔޫރަޕާއި އޭޝިޔާ އަދި އޮސްޓްރޭލިޔާއާއި ޕެސިފިކްގެ އެތަށް ޤައުމެއްގައިވެސް ދުނިޔޭގެ މާލީ ނިޒާމާއި އިޤްތިސާދީ ސިޔާސަތު ތަކުގެ އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާތައް ކުރަމުން އެބަގެންދެއެވެ.

ޔޫރަޕަށް ބަލާއިރު ޕޯޗްގަލް، އިނގިރޭސިވިލާތް، އިޓަލީ، ޖަރުމަނު، ގްރީސް، ސްވިސްޓްޒަރލޭންޑް އަދި ހޮލެންޑްގެ އެތަށް ރަށެއްގައި އެތަށް ހާސްބަޔަކު، ދުނިޔޭގެ މާލީ ނިޒާމާއި ބައިނަލްއަޤްވާމީ އިޤްތިސާދީ ސިޔާސަތުތަކާ ދެކޮޅަށް ވޭތުވެދިޔަ ދެދުވަހު އަޑުއުފުލައި މުޒަހަރާތައް ކުރިއެވެ. މިމުޒަހަރާތަކުގެ ތެރޭން އެންމެ ވަރުގަދަ މުޒާހަރަކުރީ އިޓަލީގެ ރޯމްގައެވެ.
އޭޝިޔާއަށް ބަލާއިރު ޖަޕާނާއި ޓައިވާނާއި ދެކުނު ކޮރެޔާއާއި ފިލިޕީންސާއި ހޮންގކޮންގ ގައި އެތަށް ހާސްބަޔަކު ދުނިޔޭގެ މާލީ ނިޒާމާއި ބައިނަލްއަޤްވާމީ އިޤްތިސާދީ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލިއެވެ. ހޮންގކޮންގ ގައި މުޒަހަރާކުރަމުން ގެންދިޔަ މީހުންވަނީ ބޭންކްތަކަކީ އިންސާނުންގެ ދިރިއުޅުން ހަލާކުކުރާ ކެންސަރުކަމަށް ސިފަކޮށްފައެވެ.

ފިލިޕީންސްގައި މުޒަހަރާކުރި މީހުންވަނީ ދަހިވެތިކުންފުނިތަކާއި ދުނިޔޭގެ އަނިޔާވެރި މާލީ ނިޒާމަކީ އެމެރިކާގެ އިންޕީރިއަލިޒަމްގެ ބައެއް ކަމަށް ސިފަކޮށްފައެވެ. އަދި އެމެރިކާ އަކީ ދުނިޔޭގެ ޑިކްޓޭޓަރު ކަމަށްވެސް މުޒާހަރަކުރި މީހުން ސިފަކުރިއެވެ. އޮސްޓްރޭލިޔާއާއި ދެކުނު އެފްރިކާގައާއި ޕެސިފިކްގެ ބައެއް ޤައުމުތަކުގައިވެސް ދުނިޔޭގެ މާލީ ނިޒާމުގެ އަނިޔާވެރިކަމާއި ބައިނަލްއަޤްވާމީ އިޤްތިސާދީ ސިޔާސަތުތަކުގެ ނޭއްގާނި ކަމާ ދެކޮޅަށް ގިނަބަޔަކު އަޑުއުފުލިއެވެ.

ދުނިޔޭގެ އިޤްތިސާދީ ނަމޫނާއަކަށް ހެދުމަށް ހުޅަނގުން މަސައްކަތްކުރާ ކެޕިޓަލިސްޓް އިޤްތިސާދީ ނިޒާމް ބަލިކަށިވަމުންދާތީ އާއި އެނިޒާމާ ދެކޮޅަށް ޚުދު ހުޅަނގުގެ ރައްޔިތުން ތެދުވާން ފަށާފައިވާތީ އެމެރިކާއާއި ޔޫރަޕްގެ ލީޑަރުންނާއި ހުޅަނގުގެ ސަރުކާރުތައްވަނީ ލަދުގަންފައެވެ. އަދި ހުޅަނގުގެ މީޑިޔާވެސް މިކަމަށް އެކަށީގެންވާ ސަމާލުކަން ނުދޭކަމަށް މުޒާހަރަކުރާ ފަރާތްތަކުން ތުހުމަތުކުރެއެވެ. (ނޫސްއެޖެންސީތައް)