17 Oct 2011, 16:24
މޯބައިލް ފޯންތަކަކީ ނުރައްކާތެރި ބެކްޓީރިޔާގެ ހާލިތަކެއް ކަމަށް "ލަންޑަން ކޮލެޖް ފޯރ ހެލްތް ސައެންސް އެންޑް ޓްރޮޕިކަލް މެޑިސިން" އިން ބުނެފިއެވެ. އެކޮލެޖުން ކުރި ދިރާސާއަކުން ހާމަވާގޮތުގައި ބޭނުންކުރާ ކޮންމެ 10 މޯބައިލް ފޯނެއްގެ ތެރެއިން 9 ފޯނަކީ ބަލިފެތުރޭ މިންވަރަށް ނުރައްކާތެރި ބެކްޓީރިޔާ އަށަގެންފައިވާ ފޯންތަކެވެ.
މިފަދަ މޯބައިލް ފޯންތަކުގައި ދާދިފަހުން ޖަރުމަނުން ފެނުނު އޭ ކޮލައި ބެކްޓީރިޔާއާއި ސްޓެފިލޮކޯކަސް އައުރެސް ބެކްޓީރިޔާ (MRSA)ވެސް ނުރައްކާތެރި މިންވަރަކަށް އެކުލެވޭކަން މިދިރާސާއިން ހާމަވެފައިވެއެވެ. މިދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން 95% މީހުން ބުނާގޮތުން އެމީހުން ވަރަށް ގިނައިން ސައިބޯނިލައިގެން އަތްދޮވެއެވެ. އެހެންނަމަވެސް އެމީހުންގެ ފޯންތަކުން އޭ ކޮލައި ބެކްޓީރިޔާފަދަ ނަޖިހުން ފެތުރޭ ބެކްޓީރިޔާ ގިނަ އާދަދަކަށް ފެނިފައިވެއެވެ.
އިނިރޭސިވިލާތުގެ ރައްޔިތުންނާއި އެޤައުމުގައި ދިރިއުޅޭމީހުންގެ މެދުގައި ކުރި މިދިރާސާ އިން ހާމަވާގޮތުގައި ގިނަމީހުން ގަޟާ ޙާޖަތް ކުރުމަށްފަހު ރަނގަނޅަށް އަތް ނުދޮވުމަކީ މޯބައިލް ފޯންތަކުގައި ނުރައްކާތެރި ބެކްޓީރިޔާ (ޚާއްސަކޮށް ނަޖިހުން ފެތުރޭ ބެކްޓީރިޔާ) އަށަގަންނަ މައިގަނޑު ސަބަބެވެ. މިކަމުގެ ސަބަބުން މޯބައިލް ފޯނަކީ ބަލިފެތުރޭ ވަސީލަތަކަށް ވެފައިވާ ކަމަށާއި ހަށިގަނޑުގެ ދިފާޢީ ބާރު ދަށްމީހުނަށް މޯބައިލް ފޯނުން ވަރަށް ފަސޭހައިން ބަލިޖެހިދާނެކަން މިދިރާސާއިން ހާމަވެއެވެ.
މިދިރާސާ ކުރުމުގައި އިސްކޮށް އުޅުއްވި "ލަންޑަން ކޮލެޖް ފޯރ ހެލްތް ސައެންސް އެންޑް ޓްރޮޕިކަލް މެޑިސިން" ގެ ޕްރޮފެސަރެއް ކަމަށްވާ ޑޮކްޓަރ ރޮން ކެޓްލަރ ވިދާޅުވިގޮތުގައި މޯބައިލް ފޯންތަކަކީ ބެކްޓީރިޔާއާއި ޖަރާސީމުގެ ހާލިތަކެކެވެ. މޯބައިލް ފޯނުގައިވާ ޖަރާސީމުގެ ނުރައްކާ ކުޑަކުރެވޭނީ ސައިބޯނިލައިގެން ވީހާ ގިނައިން އަތްދޮވުމުންނެވެ. ސައިބޯނިލައިގެން ވީހާ ގިނައިން އަތްނުދޮންނަނަމަ އަތުގެ ހަޑިކަމާއި މޯބައިލްފޯނުގެ ހަޑިކަމާއެކު ބެކްޓީރިޔާގެ ނުރައްކާ އިންތިހާއަށް ބޮޑުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. (ޑެއިލީ ޓެލެގްރާފް)