މާދަމާއަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު މިއަދު ކުރެއްވި ޓުވީޓެއްގައި، ވިދާޅުވީ މަޖިލިސް އިންތިހާބާ ގުޅިގެން މާދާމާ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކަމަށެވެ.

އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން އެ ދުވަހު ޝަރުޢީ ކޯޓު ތަކާއި އިދާރާތައް ބަންދުވާނެ ކަމަށް ވެސް ޖުޑީޝިއަރީން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

މިހާރު ކުރިއަށްދާ މަޖިލިސް އިންތިހާބުގައި މިއަދު ހަވީރު ހައެއް ޖަހަންދެން ވޯޓުލެވޭ ގޮތަށް މިހާރު ވަނީ ވަގުތު ވެސް އިތުރުކޮށްފަ އެވެ.

މި އިންތިހާބުގައި އެކި ދާއިރާތަކަށް ވޯޓުލުމަށް ޖުމްލަ 501 ވޯޓު ފޮށި ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ވަނީ ބަހައްޓައިފަ އެވެ. އެންމެ ފަހުން ވޯޓު ލަން ފަށާފައި ވަނީ އިނގިރޭސިވިލާތުގައި ބަހައްޓާފައިވާ ފޮއްޓަށެވެ. އެ ފޮއްޓަށް ވޯޓު ލާން ފެށީ ރާއްޖެ ގަޑިން މިއަދު މެންދުރު 01:30 ގަ އެވެ.

ވޯޓު ލީ އަދަދަށް ބަލާލާ އިރު އިލެކްޝަންސް ކޮމިޝަން އިން ނެރެފައިވާ އެންމެ ފަހުގެ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 50 ޕަސެންޓް މީހުން ވަނީ ވޯޓުލައިފަ އެވެ. އެގޮތުން މިހާތަނަށް 140،900 މީހުން ވޯޓު ލާފައިވާ އިރު އޭގެ ތެރޭގައި 73142 ފިރިހެނުންނާއި 67،758 އަންހެނުން ހިމެނެ އެވެ.