17 Oct 2011, 15:05
ކޯސްޓް ދަޅަކަށްލަފައި އޮއްވާ ވިލިމާލޭ ވަލުތެރެއިން ފެނުނު ތުއްތު ފިރިހެން ކުއްޖާގެ މަންނަ ނ. މަނަދޫ ފިނޮޅު، އައިމިނަތު ޝާއިރާ ދަރިފުޅާ މެދު އިހްމާލުވެފައި ވާތީ އޭނާގެ މައްޗަށް ކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ދެ ދައުވާއެއް ސާބިތުވެ، އެއް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޝާއިރާގެ މައްޗަށް މިއަދު ހުކުމް ކުރީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުމާ ބެހޭ ގާނޫނަށް ރިޔާއަތްކޮށް ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ. އަދި ޝާއިރާ ވިއްސުމުގައި ބައިވެރިވެ، ތުއްތު ކުއްޖާ ކޯސްޓް ދަޅަކަށް ލައި އެއްލާލި ކ. ގުރައިދޫ ހީނާމާގޭ، މަރިޔަމް ރިޒްނާ ހަ މަހަށް ޖަލަށް ލުމަށް ހުކުމް ކުރީ ވެސް ގާނޫނޫލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ. ނަމަވެސް ޝާއިރާގެ ހަ މަހުގެ ދަރިފު ވައްޓާލުމަށް ބޭސް ދިން ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނަރަލް )ޕީޖީ( އިން ދައުވާ ކުރި، ކ. ހުރާ ސަކީނާމަންޒިލް، ފާތުމަތު އާނިޔާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްގައިވެ އެވެ.
ކްރިމިނަލް ކޯޓްގެ ގާޒީ ހުކުމް އިއްވަމުން ވިދާޅުވީ ޝާއިރާ ބަނޑުބޮޑުވެ، ވިހޭ އިރު ވެސް ސިއްހީ އެއްވެސް މާހިރެއްގެ އެހީ ހޯދާފައި ނުވާ ކަމަށެވެ. އަދި ބަލިވެއިނދެ ވިހެއުމަށް ފަހު ދަރިފުޅަށް ވީނުވީއެއް ނޭނގޭ ކަމަށް ބުނާއިރު، ދަރިފުޅު ވީތަނެއް ހޯދުމަށް އެއްވެސް ވަރަށް މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. އަދި ބަނޑުގައި ދަރިފުޅު ނެތް ކަން އިނގޭ އިރު، ސިއްހީ އެއްވެސް ފަރުވާއެއް ހޯދުމަށް ޝާއިރާ މަސައްކަތްކޮށްފައި ނުވާ ކަމަށާއި އަމިއްލަ ދަރިފުޅު މަރުވުމުން ވެސް، ކަށުކަމާކެމީގެ ކަންތައްތައް ހިނގައިދިޔަ ގޮތް ބަލާފައި ނުވާ ކަމަށެވެ.
ޝާއިރާގެ ދަރިފުޅާ މެދު އޭނާ އިހްމާލުވެފައިވާތީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގެ 13 ވަނަ މާއްދާ އާއި 14 ވަނަ މާއްދާ އަށް ރިޔާއަތްކޮށް ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ )ހ( ދަށުން ހަ މަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވީ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ މާއްދާގެ ދަށުން ދަރިފުޅު ވިހެއުމަށް ފަހު އެއްލާލުމަށް މީހެއްގެ އަތަށް ދީފައިވާކަން ޝަރީއަތަށް ސާބިތުވާތީ ހަމަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރައްވީ ކަމަށެވެ.
ގާޒީ ވިދާޅުވީ ޝާއިރާގެ މައްޗަށް މީގެ ކުރިން ވެސް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ސާބިތުވެ، 150ރ. ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ މީގެ 45 އަހަރު ކުރިން އަމަލް ކުރަމުންއައި ގާނޫނުން އުގޫބާތުގެ ދަށުންނެވެ.
މައްސަލާގައި ދައުވާ ލިބޭރިޒުނާގެ މައްޗަށް ކުށް ސާބިތުވެ، ހަ މަހަށް ޖަލަށް ލުމަށް ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ ޝާއިރާ ވިހޭ ދަރިފުޅު އެއްލާލުމުގައި ރިޒުނާ ބައިވެރިވެފައިވެފައިވާ ކަމަށެވެ. އަދި ފުލުހުން ޝަރީއަތަށް ހުށަހެޅި ހެކިތަކުން ޝާއިރާގެ ދަރިފުޅު ލާފައި އޮތް ކޯސްޓް ކިރު ހުސްކުރި މެދު ސައިޒުގެ ދަޅުން ރިޒުނާގެ ފިންގާ ޕްރިން ފެނިފައިވާ ކަމަށެވެ. އެހެންކަމުން ތުއްތު ކުއްޖަކު ކޯސްޓް ކިރު ދަޅަކަށް ލައި އެއްލާލުމުގައި ރިޒްނާ "ފުރިހަމައަށް" ބައިވެރިވެފައިވާތީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކުރީކަމަށް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލާގައި ދައުވާ ލިބޭ އާނިޔާގެ މައްޗަށް ދައުވާކޮށްފައި ވަނީ ޝާއިރާގެ ބަނޑުގައި އޮތް ދަރިފުޅު ވައްޓާލުމަށް ބޭސް ދީފައިވާ ކަމަށް ބުނެ ކުރާ ދައުވާ އެވެ. ނަމަވެސް ގާޒީ ވިދާޅުވީ ހެކިންގެ ހެކި ބަހުން ޝާއިރާގެ ދަރި ވައްޓާލުމަށް އާނިޔާ ބޭސް ދިން ކަން ޝަރީއަތަށް ސާބިތު ނުވާ ކަމަށެވެ.
މެއި 19، 2011 ވަނަ ދުވަހު މަރާލުމަށް ފަހު ކޯސްޓް ދަޅަކަށް ލައި ވިލިމާލެވަލުތެރެ އަށް އެއްލާލާފައި އޮއްވައި ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލައިގެ ޝަރީއަތް ފަށާފައި ވަނީ ސެޕްޓެންބަރު 18، 2011ގަ އެވެ. ބަނޑަށް ހަ މަހުގައި ވިހާފައި މަރާލި ތުއްތު ފިރިހެން ކުއްޖާގެ މަރުގެ މައްސަލަ ތަހުގީގުކޮށް ޕީޖީއަށް ފުލުހުން މައްސަލަ ފޮނުވާފައި ވަނީ އޯގަސްޓް 7، 2011ގަ އެވެ.