17 Oct 2011, 14:39
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ހެނދުނު ދަންފަޅީގައި ކޯރަމް ގެއްލި ހަތަރު ފަހަރެއްގެ މަތިން ޖަލްސާ ބާއްވަން އުޅެ ނުބޭއްވިގެން އެންމެ ފަހުން މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.
މިއަދު ހެނދުނު 9:00 ފެށި ޖަލްސާގެ ކޯރަމް ގެއްލިގެން ހަތަރު ފަހަރެއްގެ މަތިން ޖަލްސާ ބާއްވަން އުޅެ، މިއަދު މެންދުރު ފަހު 1:00ގައި ބާއްވަން އުޅުނު ޖަލްސާގެ ކޯރަމް ހަމަނުވުމުން ރިޔާސަތުން އިއްވެވީ މިއަދުގެ ޖަލްސާ ނިންމާލެއްވީ ކަމަށެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މާދަމާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ބުރޫނާއީގެ އެހީގައި ތ. ބުރުނީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ މަސައްކަތް ފެށުން ލަސްވާތީ، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި ގަރާރުގެ ބަހުސް ކުރިއަށް ގެންދިޔަ އެވެ. އަދި ޖަލްސާގެ އެޖެންޑާގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހުގެ ބިލް ކުރިއަށް ގެންދިއުން ވެސް އޮތެ އެވެ.