09 Jun 2010, 09:51
14:30
ޕްރައިވެޓް ސެކިއުރިޓީގެ ބިލަކީ، ވެރިކަމުގެ ދަހިވެތިކަމުގައި ބަޔަކު އަޑީގައި ތިބެގެން ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ނަގާލުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ވިދާޅުވެ އެބިލް އަނބުރާ ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައްވައިފި އެވެ.
ގައުމީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މި ބިލު ހުށަހެޅުއްވުމުން، ބިލަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، މި ބިލް ގާނޫނަކަށް ވެގެން ހިނގައްޖެނަމަ އިތުރު ހަމަނުޖެހުންތައް ހިނގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ކަރުނަ ގޭހާއި ބިޑި ފަދަ، ފުލުހުން ބޭނުންކުރާ ބައެއް ހަތިޔާރު ޕްރައިވެޓް ސެކިއުރިޓީންނަށް ލިބިދޭ ގޮތަށް ބިލުގައި އޮތުމަކީ، އެތަކެތި އެހެން ފަރާތްތަކުގެ އަތްމައްޗަށް އެރުމުގެ ބިރު އޮތް ކަމެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި ފުލުހުންގެ ތެރޭގައި ވަކި ސެކްޝަނެއް ހަދައިގެން މިފަދަ ހިދުމަތެއް ފޯރުކޮށްދެވެން އޮވެފައި މީހުންގެ މާލާއި މުދަލަށް ވާ ގެއްލުމަށް އިންޝުއަރެންސް ހިދުމަތް ގާއިމު ކުރެވިފައިވާއިރު މިފަދަ ކަމެއް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި މަޖިލީހުގެ މަސައްކަތާ މެދު ރައްޔިތުން ފާޑުކިޔަމުންދާ މިފަދަ ދަނޑިވަޅެއްގައި ވަގުތުތައް ބޭކާރުކުރުމަށް މިފަދަ ބިލްތައް ހުށަނޭޅުމަށް ވެސް އެ މެންބަރުން އެދިވަޑައިގެންނެވި އެވެ.
ބިލަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، މިއީ މުހިއްމު ބިލެއް ކަމަށެވެ. އަދި ތަމްރީން ލިބިފައިވާ މީހުން ސެކިއުރިޓީންނަށް ތިބުމަކީ މީހުންގެ މުދާ ސަލާމަތްކުރުމަށް ލިބޭ ފުރުސަތެއް ކަމަށާއި، ފުލުހުންނަށް އެފަދަ ކަންކަން ކޮންޓްރޯލްނުވާ މަންޒަރު މިހާރު ފެނިގެންދާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. ނަމަވެސް މީހުން ހިފާ ހައްޔަރުކުރުމުގެ ބާރު ދިނުމަށާއި، ފުލުހުން ބޭނުންކުރާ ބައެއް ހަތިޔާރު ޕްރައިވެޓް ސެކިއުރިޓީންނަށް ދިނުމަށް ބިލުގައި ހިމަނާފައިވާތީ އެކަން އިސްލާހް ކުރުމަށް ވެސް އެ މެންބަރުން އެދި ވަޑައިގެންނެވި އެވެ. އެ މެންބަރުން ވިދާޅުވީ އެ ބާރު ތަކަކީ ގާނޫނު އަސާސީން ވަކި ބަޔަކާ ހަވާލުކޮށްފައިވާ ބާރުތަކެއް ކަމަށެވެ. އަދި މިފަދަ ކަމެއް ކުރަންވާނީ ފުލުހުންގެ ފުރިހަމަ އެއްބާރުލުމާއި ބެލުމުގެ ދަށުން ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
މި ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ރިޔާޒު ރަޝީދު ވިދާޅުވީ، އަމިއްލަ ފަރާތްތަކަށް ސެކިއުރިޓީ ދޭ މީހުންނަށް، މި ބިލުގެ ސަބަބުން އިތުރު ބާރު ލިބިގެންދާނެ ކަމަށެވެ. އަދި ތަމްރީނާއި ގާބިލުކަން ލިބިގެން މީހުންގެމުދާ ހިމާޔަތް ކުރުމުގެ ފުރުސަތު އެމީހުންނަށް ލިބުމުގެ ސަބަބުން މުދަލުގެ ވެރި ފަރާތްތަކަށް އިތުރު ހިތްހަމަޖެހުމާއި އިތުބާރު ލިބިގެންދާނެ ކަމަށެވެ.
މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ހުށަހެޅުއްވި، ދިވެހިބަސް ހިމާޔަތްކުރުމުގެ ބިލުގެ ބަހުސްވެސް މިއަދުގެ ޖަލްސާގައި ވަނީ ފައްޓަވައިފަ އެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލާއި ޕްރައިވެޓް ސެކިއުރިޓީގެ ބިލު މަޖިލީހަށް ބަލައިގަނެ ކަމާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.