06 Apr 2019, 11:31
ދިއްލީ (އޭޕްރިލް 6): އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީއަށް ބޮޑުވަޒީރު ކަމަށް ވަޑައިނުގަނެވޭނެ ކަމަށް ބީޖޭޕީގެ މިނިސްޓާ ފޯ ވިމެން އެންޑް ޗައިލްޑް ޑެވެލޮޕްމެންޓް، މަނޭކާ ގާންދީ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ދަރިކަލުން ސަންޖީވް ގާންދީގެ ހުވަފަތްވެފައިވާ އަނބިކަނބަލުން، މަނޭކާ ވިދާޅުވި ގޮތުގައި "ކޮންމެވެސް ކަހަލަ މުއުޖިޒާތަކާ ނުލައި ރާހުލް ގާންދީއަށް ބޮޑުވަޒީރު ކަމަށް ވަޑައިނުގަނެވޭނެ" އެވެ. އަދި ކޮންމެ މީހަކަށްވެސް ރާހުލް ގާންދީ ގޮތަށް ދެ ގޮނޑިއަށް ވާދަ ކުރެވިދާނެ ކަމަށާއި ނަމަވެސް އޭގެ ސަބަބުން ގޮނޑި ކަށަވަރެއް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރާހުލް ގާންދީ ވަނީ އޭނާ ޕާލިމެންޓުގައި މިހާރު ތަމްސީލު ކުރައްވާ އަމެތީގެ ގޮނޑީގެ އިތުރުން ގައުމުގެ އުތުރުގައި އޮންނަ ކެރަލާގެ ވަޔަނާޑްގެ ގޮނޑިއަށްވެސް ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާގެ ގާނޫނު އަސާސީގައިވާ ގޮތުން އެއް ކެންޑިޑޭޓަކަށް ގާނޫނު ހަދާ މަޖިލީހުގެ ދެ ގޮނޑިއަށް ވާދަ ކުރެވޭނެ އެވެ. އަދި ދެ ގޮނޑި ވެސް ކާމިޔާބުވެއްޖެ ނަމަ އޭގެ ތެރެއިން އެއް ގޮނޑި ދޫކޮށްލަން ޖެހޭނެ އެވެ. އަދި ދޫކޮށްލާ ގޮނޑިއަކަށް މެމްބަރަކު އިންތިހާބު ކުރުމަށް ބައި އިލެކްޝަނެއް ބާއްވާނެ އެވެ.
އަންނަ ބުރާސްފަތި ދުވަހު އިންޑިއާގައި ފަށާ އާއްމު އިންތިހާބުގައި މަނޭކާ ގާންދީވެސް ވާދަ ކުރައްވާނެ އެވެ. އޭނާ ވަނީ ޕާލިމެންޓުގެ ތިރީގޭގައި ހަ ދައުރު އަދާ ކުރައްވާފަ އެވެ.
އެއިންތިހާބުގެ ވޯޓު ލުން ނިމޭނީ އަންނަ މަހުގެ 19އިގަ އެވެ. އަދި ވޯޓު ގުނުމާއި ނަތީޖާ ފާޅު ކުރުން އޮންނާނީ އެމަހުގެ 23ގަ އެވެ.